އިސްރާއީލުން ހުއްޓުމަކަށް އައި ހަމަލާތައް އަލުން ފެށުމާއެކު، މާޗް 18 އިން ފެށިގެން 420،000 ފަލަސްތީނު ރައްޔިތުން އަލުން ހިޖުރަކުރަން މަޖުބޫރުވެފައިވާކަމަށް ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީ (އަންރުވާ) އިން ހާމަކޮށްފިއެވެ.
އަންރުވާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާޗް 2 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން މަނާކޮށްފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު އިރު އެޅި ހުރަސްތަކަށްވުރެ ތިން ގުނަ ދިގު މުއްދަތެކެވެ.
މާޗް 18 އިން އޭޕްރިލް 14 އާ ދެމެދު އިސްރާއީލް ސިފައިން ވަނީ މަދުވެގެން 20 ސަރަހައްދަކުން ރައްޔިތުން ފުރާލުމުގެ އަމުރު ނެރެފައެވެ. މީގެ ސަބަބުން ޣައްޒާގެ 69 އިންސައްތަ ސަރަހައްދަކީ މިހާރު ރައްޔިތުން ދިރިއުޅުން މަނާ ސަރަހައްދުތަކެވެ.
އިސްރާއީލުން އަލުން ފެށި ހަމަލާތަކާއި އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް ކާބޯތަކެތި، ސާފު ފެން، ސާފުތާހިރުކަން، ހިޔާވަހިކަން އަދި ބޭސްފަރުވާގެ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި 51،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ވަނީ ނެރެފައެވެ.