ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން، އޮމާންގެ ސުލްޠާން ހައިޘަމް ބިން ޠާރިޤް އަލް-ސަޢީދާ ބައްދަލުކުރައްވައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިކަމަށް ކްރެމްލިންގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ.
އޮމާނަކީ އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހިފެހެއްޓުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ދެކޭގޮތުގައި އީރާނުގެ މި ޕްރޮގްރާމަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.
“އީރާނާއި އެމެރިކާގެ ބައްދަލުވުންތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު. ނަތީޖާ ދައްކާނީ ކޮން މަންޒަރެއްތޯ ބަލަން ޖެހޭ. އަޅުގަނޑުމެން އީރާނުގެ އެކުވެރިންނާ ވަރަށް ގާތުން މުޢާމަލާތް ކުރަމުން ގެންދަން. އަޅުގަނޑުމެންނަށް އެހީތެރިވެވޭ ކޮންމެ ކަމެއްގައި އެހީތެރިވަމުން ގެންދަން.” ކްރެމްލިންގެ ބޭރު ސިޔާސަތުގެ ލަފާދޭ ޔޫރީ އުޝަކޮވް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް އީރާނުން ދަނީ ނިއުކްލިއަރ ހަތިޔާރު ހޯދަން މަސައްކަތް ކުރާކަން ދެކޮޅަށް ހަދަމުންނެވެ. ރަޝިޔާއިން ވަނީ މިއަހަރުގެ ޖަނަވަރީ މަހު އީރާނާއެކު އިސްތިރާޖީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޓްރަމްޕްގެ އިދާރާއާއެކުވެސް ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދެއެވެ.
ޓީވީގައި ދެއްކި މަންޒަރުތަކުގައި، ޕުޓިން ވަނީ ސުލްޠާނަށް ރަޝިޔާގެ އެނަރޖީ ކުންފުނިތަކުން އޮމާނާއެކު ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މިއީ ހަފްތާއެއްގެ ތެރޭގައި ޕުޓިން މެދުއިރުމަތީގެ ލީޑަރަކާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން 17 އޭޕްރިލްގައި ޤަޠަރުގެ އަމީރާ ބައްދަލުކުރެއްވިއެވެ.