ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ޣައްޒާގެ ފަލަސްތީނު ނޫސްވެރިން ދަނީ ނޫސްވެރިކަމުގެ ތާރީޚުގައި އެންމެ އަނދިރި ދުވަސްވަރެއް ހޭދަކުރަމުންނެވެ. އިޒްރާއީލުން ޣައްޒާއަށް ދަނީ ހަނގުރާމައިގެ އަނިޔާވެރި ހަމަލާތައް ދެމުން ދާއިރު މި ހަމަލާތަކުގައި މިހާތަނަށް 212 ފަލަސްތީނު ނޫސްވެރިން ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނު ހިއުމަން ރައިޓްސް ސެންޓަރުން ހާމަކުރި ގޮތުގައި މިއީ 1992 އިން ފެށިގެން އެއް ހަނގުރާމައެއްގައި އެންމެ ގިނަ ނޫސްވެރިން ޝަހީދުވި ހާދިސާއެވެ. “ކެމެރާއެއް ހިފައިގެން ހުރުމަކީ މިހާރު ބިރުވެރިކަމެއް. ފަލަސްތީނު ނޫސްވެރިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާދެމުން ދަނީ،” މިހެން ބުނެފައިވަނީ އިޒްރާއީލުގެ ހަމަލާއެއްގައި އޭނާގެ ފައި ގެއްލުނު ނޫސްވެރި ސާމީ ޝަހާދާއެވެ.
އަނަދޫލޫ އޭޖެންސީ އަށް އިންޓަވިއުއެއް ދެމުން ނޫސްވެރިއެއް ކަމަށްވާ ރަމްޒީ މަހުމޫދު ވަނީ އޭނާގެ އަނބިމީހާ، ދަރިފުޅު، މަންމަ އަދި ދައްތައިން ހިމެނޭ ގޮތަށް 19 އާއިލާ މެންބަރުން ވަނީ އިޒްރާއީލުގެ ހަމަލާއެއްގައި ޝަހީދުވެފައިވާކަމަށް ބުނެފައެެވެ. “ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އުފާކުރާނެ އެއްވެސް ކަމެއް ނެތް. މި ޖެނޮސައިޑް ދަނީ ކުރިއަށް. ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ހަމްހަމަކަން ވަރަށް ބޮޑު،” ރަމްޒީ ވިދާޅުވިއެވެ.
ދ. އ.ގެ އިންސާނީ ހައްޤުތަކުގެ އޮފީހުގެ ވެރިޔާ އަޖިތު ސަންގޭ ވިދާޅުވި ގޮތުގައި ޣައްޒާއަކީ މިހާރު ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ސަރަހައްދެވެ. އިޒްރާއީލުން ދަނީ ގަސްތުގައި ނޫސްވެރިން މަރަމުންނެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މިހާތަނަށް 409 މީޑިއާ މަސައްކަތްތެރިންނަށް ވަނީ އަނިޔާވެފައެވެ.
ނޫސްވެރިން ގޮވާލަނީ ބައިނަލްއަޤްވާމީ ކޯޓުތަކުން ނޫސްވެރިން ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި، ފަލަސްތީނުގެ ހަޤީޤަތް ދުނިޔެއަށް ގެނެސްދިނުމުގެ ފުރުސަތު ދިނުމަށެވެ.



