ޢައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން އިސްރާއީލުން ހުށަހެޅި ހުށަހެޅުން ބަލައިނުގަންނާނެކަން އދ. އިން އިއުލާނުކޮށްފިއެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލީ އޮފިޝަލުން ވަނީ މިހާރު އދ. އާއި އެހީ ފޯރުކޮށްދޭ ޕާޓްނަރުން ހިންގަމުންދާ އެހީ ފޯރުކޮށްދިނުމުގެ ނިޒާމު ހުއްޓާލުމަށްފަހު، އިސްރާއިލު ސިފައިން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން، އިސްރާއިލު ހަބްތަކެއް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމަށް އެދިފައި ކަމަށެވެ.
އޯޗާ އިން ފާހަގަކޮށްފައިވާ ގޮތުގައި މި ހުށަހެޅުމުގެ ސަބަބުން ޢައްޒާގެ ގިނަ ސަރަހައްދުތަކަށް، ޚާއްސަކޮށް އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީ ލިބުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ. އަދި މި ހުށަހެޅުމަކީ އިންސާނިއްޔަތުކަމުގެ އަސާސީ އުސޫލުތަކާ ޚިލާފު، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ފިއްތުންތަކެއް ކުރިމަތިކުރުވުމަށް ރޭވިފައިވާ ކަމެއް ކަމަށްވެސް އޯޗާ އިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި ހުށަހެޅުމުގެ ސަބަބުން އާންމު ރައްޔިތުން އަސްކަރީ ސަރަހައްދުތަކަށް ގޮސް އެހީ ހޯދަން މަޖުބޫރުވެ، އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުންނާއި އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އދ. އިން ވަނީ އިންޒާރުދީފައެވެ. އަދި އިންސާނިއްޔަތުކަމުގެ އަސާސީ އުސޫލުތަކާ އެއްގޮތްނުވާ އެއްވެސް އެހީގެ ޕްރޮގްރާމެއްގައި އދ. އިން ބައިވެރިނުވާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި އިމަޖެންސީ ރެލީފް ކޯޑިނޭޓަރު ވަނީ ކުރިން ވެސް ހާމަކުރައްވާފައެވެ.
އޮކްޓޯބަރު 7 އިން ފެށިގެން އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު އިސްރާއީލުން ވަނީ ޢައްޒާއަށް ހަނގުރާމަވެރި ހަމަލާތައް ދެމުން ގެންގޮސްފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 170،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ.