އިންޑިއާގެ މިލިޓަރީން “އޮޕަރޭޝަން ސިންދޫރު” ފަށައި ރޭ ޕާކިސްތާނާއި ޕާކިސްތާން ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަހައްދަކަށް ހަމަލާދީފިއެވެ. މި ހަމަލާއަށް ޕާކިސްތާނުން ވަނީ ޖަވާބުދީ، އިންޑިއާގެ މިލިޓަރީ އަމާޒުތަކަކަށް ހަމަލާދީ، އެތައް ހަނގުރާމަވެރި މަތިންދާބޯޓެއް ވައްޓާލާފައެވެ.
މި ދެ ނިއުކްލިއަރ ހަތިޔާރު އެކުލެވޭ ގައުމުގެ މެދުގައި މި ހަމަލާތައް ދީފައިވަނީ، ވޭތުވެދިޔަ މަހު އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ފަތުރުވެރިންނަށް ދިން ނިރުބުވެރި ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރުވަމުން ދަނިކޮށެވެ. އިންޑިއާއިން މި ހަމަލާގެ ޒިންމާ ޕާކިސްތާނާ ގުޅުވާފައިވާއިރު، ޕާކިސްތާނުން ވަނީ މިކަމުގައި އެއްވެސް ދައުރެއް އޮތްކަމަށް ދެކޮޅު ހަދާފައެވެ.
މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ބޭރުގެ ޓީވީ ޗެނަލަކަށް ދެއްކި ވާހަކައިގައި ބުނެފައިވަނީ، އިންޑިއާގެ މަދުވެގެން ފަސް މަތިންދާބޯޓު ވައްޓާލެވި، އެތައް އިންޑިއަން ސިފައިންނެއް ހައްޔަރުކުރެވިފައިވާ ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، އިންޑިއާގެ ހަމަލާގެ އަމާޒުތަކުގެ ތެރޭގައި ޕާކިސްތާން ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ މުޒަފަރާބާދު އަދި ކޯޓްލީ ހިމެނެއެވެ. ޕާކިސްތާނުގެ މިލިޓަރީ ސްޕޯކްސްޕަރސަން ޖިއޯ ޓީވީއަށް ބުނެފައިވަނީ މަދުވެގެން ފަސް ތަނަކަށް ހަމަލާދީފައިވާ ކަމަށާއި، މީގެ ތެރޭގައި ދެ މިސްކިތެއް ހިމެނޭ ކަމަށެވެ.
މިވަގުތު އިންޑިއާ އަދި ޕާކިސްތާން ބެލުމުގެ ދަށުގައިވާ ކަޝްމީރު ވަކިކުރާ ލައިން އޮފް ކޮންޓްރޯލްގައި ބޮޑެތި ހަމަލާތައް ދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޕާކިސްތާނުން ވަނީ އިންޑިއާގެ ކޮންމެ ހަމަލާއަކަށް ޖަވާބުދޭނެ ކަމަށް ބުނެފައެވެ.