ވަގުތުން ހަނގުރާމަ ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނު އެއްބަސްވެއްޖެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ޕާކިސްތާނުގެ ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރު ފަހު އިންޑިއާގެ ޚާރިޖީ ވަޒީރަށް ގުޅުއްވައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
“އެއްގަމާއި ވައިގެ މަގުންނާއި ކަނޑުމަތީގެ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތައް މިއަދު ހުއްޓާލުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވެވުނު،” ކުރު ބަޔާނެއްގައި އޭނާ ވިދާޅުވެފައިވެއެވެ.
ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް، ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ މުޙައްމަދު އިސްޙާޤް ޑަރު ވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ޕާކިސްތާނުން ގެންދަނީ އެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި މި ސަރަހައްދުގެ ސުލްހަ އާއި އަމާންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގެ ތެރޭގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކެއް މަރާލުމާ ގުޅިގެން އަވަށްޓެރި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.