ޣައްޒާގެ ދެކުނުގައި ހުންނަ ނާސަރ މެޑިކަލް ކޮމްޕްލެކްސްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަލާ އަލް-ނައްޖާރުގެ 9 ދަރިން އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ޚާން ޔޫނިސްގެ ދެކުނުގައި އޮންނަ ޤިޒާން އަލް-ނައްޖާރު ސަރަހައްދުގައި ހުރި އޭނާގެ ގެއަށެވެ.
ސިވިލް ޑިފެންސް ޓީމުތަކުން ބުނާ ގޮތުގައި، ހުކުރު ދުވަހު ދިން މި ހަމަލާގައި އާއިލާގެ ގެ މުޅިން ހަލާކުވެ، ބޮޑު އަލިފާނެއް ރޯވެގެން ދިޔައެވެ. މި ހާދިސާގައި 8 ކުދިން އަނދައިގެން ދިޔައިރު، ޖުމްލަ 9 މީހުން ޝަހީދުވިއެވެ. ޑރ. އަލާގެ ފިރިކަލުން، ޑރ. ހަމްދީ އަލް-ނައްޖާރަށް ބޮޑެތި އަނިޔާތަކެއްވެ، އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، 2 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރައިގެ އޭނާގެ ދަރިންގެ ހަށިގަނޑުތައް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އިރު، ޑރ. އަލާ ދިޔައީ ރޮއެ ހިތާމަކުރަމުންނެވެ.
ޣައްޒާ ސިއްހީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބަރްޝް ވިދާޅުވި ގޮތުގައި، ޑރ. އަލާގެ 10 ދަރިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާގެ އުމުރަކީވެސް 12 އަހަރެވެ. އޭނާ ހެނދުނު މަސައްކަތަށް ދިޔައިރު، އޭނާގެ ފިރިކަލުން ގެއަށް އެނބުރި ވަޑައިގަތް ފަހުން ދިން ހަމަލާގައި ޔަހްޔާ، ރަކާން، ރަސްލާން، ޖުބްރާން، އީވް، ރިފާން، ސައިދިން، ލުޤްމާން އަދި ސިދްރާ ޝަހީދުވިއެވެ. 10 ވަނަ ދަރިފުޅު އާދަމް އަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.
“މިއީ ޣައްޒާގެ މެޑިކަލް މުވައްޒަފުންގެ ހާލަތު ދައްކުވައިދޭ ހިތާމަވެރި މިސާލެއް. ސިއްހީ މުވައްޒަފުންނަށް މަސައްކަތްކުރާ ތަންތަނުގައި އެކަނި ނޫން، އެމީހުންގެ ގޭގައި ތިބޭއިރުވެސް އަމާޒުކުރޭ. މި ހިތާމަވެރި ހާދިސާގެ ބޮޑުކަން ބަޔާންކުރާނެ ބަހެއް ނެތް،” ޑރ. އަލް-ބަރްޝް ވިދާޅުވިއެވެ.
މިއީ ފާއިތުވި ހަފްތާތަކުގައި ޚާން ޔޫނިސް އަދި ޣައްޒާގެ އެހެން ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ގިނަ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާއިރު، އާންމުންނަށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއް ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ތުހުމަތުކުރަމުން ދެއެވެ.



