2025 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ކަޢުބާގެ ވަށައިގެންވާ މަތާފު ސަރަޙައްދު ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމަށް މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގެ ކަންތައްތައް ބަލަހައްޓާ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމުގައި މަތާފު ސަރަޙައްދުގައި ގަޑިއިރަކު 107،000 ޙާޖީންނަށް ތަވާފުކުރެވޭނެ ގޮތަށް ވަނީ ތައްޔާރުކުރެވިފައެވެ. މިއީ ތާރީޚުގައި އަލަށް މިހާ ގިނަ އަދަދެއްގެ ޙާޖީންނަށް އެއްފަހަރާ ތަވާފުކުރުމުގެ ފުރުސަތު ލިބިގެންދާ ފުރަތަމަ ފަހަރެވެ.
ސަޢޫދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ޙާޖީންގެ ޚިދުމަތަށް ޚާއްސަކޮށް، މަތާފު ސަރަޙައްދަށް ވަދެނިކުމެވުމަށް ބޭނުންކުރާނެ މައި ދޮރާށިތަކާއި، ސަހަރާ މަގުތައް އަދި ޙާޖީންގެ ހަރަކާތްތައް ބެލެހެއްޓުމުގެ ނިޒާމުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ގާއިމުކޮށްފައެވެ.
މީގެ އިތުރުން، މަތާފު ސަރަޙައްދަށް ވަދެނިކުތުމަށް ގިނަ އަދަދެއްގެ މައި އަދި ސަހަރޯ ދޮރުތައް ވަނީ ހަމައެކަނި ޙާޖީންނަށް ޚާއްސަކުރެވިފައެވެ. އަދި ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ދޮރުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ.
މި އިންތިޒާމުތަކަކީ ޙައްޖު މޫސުމުގައި ޙާޖީންނަށް ފަސޭހަކަމާއެކު އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ސަޢޫދީ ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.



