އިސްރާއީލުން ގާއިމުކޮށްފައިވާ އެހީ ބެހުމުގެ ނިޒާމަކީ ބަނޑުހައިހޫނުކަމުގައި ތިބި ގައްޒާގެ ރައްޔިތުންނަށް މަރުގެ ދަންތުރައެއް ކަމަށް އދ. ގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ (އަންރުވާ) ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ.
ރަފާހުގައި ހުރި އެހީ ބެހުމުގެ ސަރަހައްދެއްގައި އިއްޔެ އިސްރާއީލީ ސިފައިން ހިންގި ހަމަލާއެއްގައި 50 އާ ގާތްކުރާ ފަލަސްތީނުން ޝަހީދުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް ގައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.
“މި ނިކަމެތި ނިޒާމުގެ ސަބަބުން ހާސްތަކެއް ބަނޑުހައި މީހުން، އިސްރާއީލީ ސިފައިންގެ ބޮންއަޅާ ސުންނާފަތިކޮށްފައިވާ ސަރަހައްދުތަކަށް ދިޔުމަށް ކިލޯމީޓަރުތަކެއް ހިނގަން މަޖުބޫރުވެފައިވޭ،” ލަޒަރީނީ ވިދާޅުވިއެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ ދެކުނާއި މެދު ސަރަހައްދުގައި ހަތަރު އެހީ ބެހުމުގެ ނުކުތާ ގާއިމުކުރުމުގެ ޕްލޭނެއް އެކުލަވާލާފައެވެ. އިސްރާއީލީ މީޑިއާގެ ރިޕޯޓުތަކުން ދައްކާގޮތުގައި މި ޕްލޭންގެ މަގުސަދަކީ އުތުރު ޣައްޒާގެ ރައްޔިތުން ދެކުނަށް ބަދަލުކޮށް، އުތުރު ސަރަހައްދު އާބާދީން ހުސްކުރުމެވެ.
އަންރުވާގެ ވެރިޔާ ގޮވާލައްވާފައިވަނީ އިސްރާއީލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ހިޞާރު ނިމުމަކަށް ގެނެސް، އދ. އަށް ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށެވެ. “މިއީ އެއް މިލިއަނަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް މުޅި އާބާދީ ބަނޑަށްޖެހުމުން ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތް،” އެމަނިކުފާނު ވިދާޅުވިއެވެ.
ޣައްޒާގެ މީޑިއާ އޮފީހުގެ މަޢުލޫމާތު ދައްކާގޮތުން، އިސްރާއީލުގެ އެހީ ބެހުމުގެ ނިޒާމު ފެށުނު މާރޗް 27 އިން ފެށިގެން މިހާތަނަށް މަދުވެގެން 49 ފަލަސްތީނުން ޝަހީދުވެ، 305 މީހުން ޒަޚަމުވެފައިވެއެވެ. އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް 54,400 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވާއިރު، އެގައުމުގެ މައްޗަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި ނަސްލު ހަލާކުކުރުމުގެ ދަޢުވާއެއް އުފުލާފައިވެއެވެ.