ޣައްޒާއަށް އިންސާނީ އެހީ ގެންދިޔަ “މަދްލީން” އުޅަނދު ބައިނަލްއަޤްވާމީ ކަނޑުން އިޒްރޭލުން ހުއްޓުވާލުމާ ގުޅިގެން، އެ އުޅަނދުގައި ތިބި އެކްޓިވިސްޓުން ދޫކޮށްލުމަށް ފްރާންސްގެ ޕާލިމެންޓް މެންބަރުން މިއަދު ގޮވާލައިފިއެވެ.
ފްރާންސްގެ ވައަތު ފިޔަ “ފްރާންސް އަންބައުންޑް” (އެލްއެފްއައި) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްޓިވިސްޓުން ހައްޔަރުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާްއި ސާފު ޚިލާފުވުމެއް ކަމަށެވެ.
ބްރިޓިޝް އާއި ފަލަސްތީނުގެ ދިދަ ނަގާފައިވާ މަދްލީން އުޅަނދުގެ މަޤްޞަދަކީ އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލްގެ އަނިޔާވެރި ހަމަލާތަކުގައި 55،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ޣައްޒާގެ މައްޗަށް އިޒްރޭލުން އަޅާފައިވާ ހިޞާރު ނިމުމަކަށް ގެނައުމެވެ.
ކާބޯތަކެއްޗާއި ކުޑަކުދިންގެ ކިރު ހިމެނޭ އެހީގެ ތަކެތި އުފުލި މި އުޅަނދު، ޣައްޒާގެ ސަރަޙައްދާ ހަމައަށް ދިއުމުގެ ކުރިން އިއްޔެގެ އެންމެ ފަހު ވަގުތު އިޒްރޭލްގެ ސިފައިން ބައިނަލްއަޤްވާމީ ކަނޑުން ހުއްޓުވާ، އަޝްދޫދު ބަނދަރަށް ގެންގޮސްފައިވެއެވެ. އެލްއެފްއައި އިން ބުނެފައިވާ ގޮތުގައި މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާ ޚިލާފު ޢަމަލެކެވެ.
އުޅަނދުގައި ތިބި 12 މީހުންގެ ތެރޭގައި 11 އެކްޓިވިސްޓުންނާއި އެއް ނޫސްވެރިޔަކު ހިމެނެއެވެ. މީގެ ތެރޭގައި ސްވީޑަންގެ މޫސުމީ ބަދަލުތަކުގެ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އާއި ޔޫރަޕިއަން ޕާލިމެންޓްގެ ފްރާންސް-ފަލަސްތީނު މެންބަރު ރިމާ ހަސަން ހިމެނެއެވެ.
އުޅަނދުގައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކުއްލި އެހީގެ ގޮތުގައި ކުޑަކުދިންގެ ކިރު، ފުށް، ހަނޑޫ، ޑައިޕަރު، އަންހެނުންގެ ޞިއްޙީ ބޭނުންތަކުގެ ތަކެތި، ފެން ސާފުކުރާ ސާމާނު، ބޭސްފަރުވާގެ ތަކެތި، އެކްސްރޭ އާއި ކުޑަކުދިންގެ ޕްރޮސްތެޓިކްސް ހިމެނެއެވެ.