ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދެކުނުގައި ހުންނަ އަލް އަމަލް ހޮސްޕިޓަލުން މިހާރު ވަނީ ހިދުމަތް ދިނުން ހުއްޓާލާފައިކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެއިސަސް އިއުލާނު ކުރައްވައިފިއެވެ.
ޓެޑްރޯސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ހާން ޔޫނިސްގައި ހުންނަ އަލް އަމަލް ހޮސްޕިޓަލް ވަނީ އެސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅިން ހިދުމަތް ދިނުން ހުއްޓާލާފައި ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ހޮސްޕިޓަލަށް ވަދެ ނިކުމެވުން ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. މިކަމުގެ ސަބަބުން އައު ބަލިމީހުންނަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ނުދެވި، ސަލާމަތް ކުރެވިދާނެ ފުރާނަތައް ގެއްލެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތު ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް ފަރުވާ ދެމުން ދިޔަ ނަމަވެސް، އައު ބަލިމީހުން ބަލައެއް ނުގަނެވެއެވެ.
އަލް އަމަލް ހޮސްޕިޓަލް ބަންދުވުމާއެކު، ހާން ޔޫނިސްގައި އިންޓެންސިވް ކެއަރ ޔުނިޓެއް ހުރި ހަމައެކަނި ހޮސްޕިޓަލަކީ ނާސަރ މެޑިކަލް ކޮމްޕްލެކްސް ކަމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ފާހަގަކުރެއްވިއެވެ.
އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ހިދުމަތްތައް ވަނީ މުޅިން ހުއްޓުމަކާ ހަމައަށް ގޮސްފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ސިސްޓަމެޓިކް ގޮތެއްގައި ހަމަލާދެމުން ދިއުމުގެ ސަބަބުން ގިނަ މަރުކަޒުތައް ވަނީ ހިދުމަތް ދިނުން ހުއްޓާލާފައެވެ. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ސިއްހީ މަރުކަޒުތައް ހިމާޔަތްކޮށް، ބޭސް ފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.