12 ޖޫން ވީ ބުރާސްފަތި ދުވަހު އިންޑިއާގެ ރައްޔިތެއް ކަމަށްވާ ބޫމީ ޗައުހާން ތައްޔާރުވަމުން ދިޔައީ އޭނާގެ އުފަން އިންޑިއާގެ އަހްމަދާބާދުން ލަންޑަނަށް ދަތުރުކުރުމަށެވެ. އެއަރ އިންޑިއާގެ ފްލައިޓް 171 އަށް އަރަން އެތައް އުއްމީދެއްގައި ހުރި ބޫމީގެ ދަތުރު ޙަރާބުވީ ޓްރެފިކްގެ ސަބަބުން 10 މިނިޓް ލަސްވެ، އެއަރޕޯޓަށް ދިޔައިރު ބޯޑިންގ ކައުންޓަރު ބަންދުކުރުމުގެ ސަބަބުންނެވެ.
އެއަރ އިންޑިއާގެ ފްލައިޓް 171 ގެ 36ޖީ ގޮނޑި ބޫމީއަށްޓަކައި ހުސްކޮށް ހުރި ނަމަވެސް އެ ގޮނޑީގައި އިނުމުގެ ފުރުސަތު އޭނާއަށް ނުލިބުނީ އޭނާގެ އާދޭސްތަކަށް، އެއަރލައިންގެ މުވައްޒަފުން އިޖާބަ ނުދިނުމުންނެވެ. އެހެންކަމުން ލިބުނު ހިތާމައާއި ރުޅީގައި ބޫމީ އެއަރޕޯޓުން ބޭރުގައި ހުރި ކެފޭއަކަށް ވަދެ ޓްރެވަލް އޭޖެންޓަށް ގުޅަން އިންދާ ލިބުނީ ހައިރާންކުރުވަނިވި ޚަބަރެކެވެ. އެއީ އޭނާ އަރަން އޮތް ފްލައިޓް ވެއްޓި 242 ފަސިންޖަރުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ދުނިޔެ ދޫކުރިކަމުގެ ހިތާމަވެރި ޚަބަރެވެ.
އިންޑިއާގެ ފްލައިޓް 171 އެއާޕޯޓުން ނައްޓާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިފައިވަނީ އަހްމަދާބާދުގެ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށެވެ. މި ހާދިސާގައި ބޯޓުގައި ތިބި ފަސިންޖަރުންނާއި ހޮސްޓެލްގައި ތިބި މީހުންނާއެކު ޖުމްލަ 279 މީހުން ވަނީ މަރުވެފައެވެ. އަދި މި ހިތާމަވެރި ހާދިސާއިން 28 އަހަރުގެ ބޫމީ ސަލާމަތްވެފައިވަނީ ހަނިގޮތަކަށެވެ.
އަހަރެމެން ގިނަ ފަހަރަށް ދިމާވާ ލަސްވުމާއި، ހުރަސްތަކާއި، ދަތިތަކަށް ލަޢުނަތް ކިޔަމެވެ. އެހެނަސް ހަނދާންކުރަންވީ ކަމަކީ މިއިން ކޮންމެ ކަމަކީވެސް މާތްﷲ ގެ ރައްކާތެރިކަމުގެ ނިޝާނެއް ކަމުގައި ވެދާނެ ކަމެވެ. އެތައް ފަހަރަކު އަހަރެމެންނަށް ގެއްލޭ ފުރުޞަތުތަކާއި، ނުވާ ކަންތައްތަކުގެ ފަހަތުގައި ވަނީ އެއަށްވުރެ މާ ހެޔޮ ގޮތްތަކެވެ. މާތްﷲ އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ފޮޅުވަތެއްވެސް ލިޔުއްވަނީ ވަރަށް ބޮޑު ޙިކްމަތަކާ އެކުގައެވެ.
އެހެންކަމުން، ދިރިއުޅުމުގައި ކަންތައްތައް އަހަރެމެން ރާވާފައިވާ ގޮތާ ޚިލާފަށް ދާއިރު، ހިތާމަ ކުރުމުގެ ބަދަލުގައި މަޑުކޮށްލަން ޖެހެއެވެ. އަދި ވިސްނާލަން ޖެހެއެވެ. އަހަރެމެންނަށް އަދި ލަސްވެފައެއް ނުވެއެވެ. ހަމައެހެންމެ ހުރަސްތަކެއް ކުރިމަތިވެފައެއްވެސް ނުވެއެވެ. އަހަރެމެން މިތިބީ ހަމަ ތިބެންވީ ތަނުގައެވެ. ބޫމީގެ ވާހަކައިން އަހަރެމެންނަށް އެނގެނީ، ބައެއްފަހަރު ލަސްވުމަކީވެސް ނިޢުމަތެއްކަމެވެ.