ނިއު ދިއްލީއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ ބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓަށް އެނބުރި ޖައްސައިފިއެވެ.
މިއަދު މެންދުރު 11:59 ގައި ހޮންކޮންގް އިން ފުރި ބޯއިންގް ޑްރީމްލައިނާ ބޯޓަށް ދަތުރުމަތީގައި މައްސަލަ ދިމާވުމާ ގުޅިގެން މެންދުރުފަހު 3:20 ގައި ވަނީ އެނބުރި ހޮންކޮންގް އެއާޕޯޓަށް ޖައްސާފައެވެ. ނަމަވެސް ބޯޓަށް ދިމާވި މައްސަލައަކީ ކޮބައިކަން އަދި ސާފުވެފައެއް ނުވެއެވެ.
“ޕައިލެޓަށް ޓެކްނިކަލް މައްސަލައެއް ފާހަގަކުރެވުމާ އެކު ރައްކާތެރިކަމަށް ޓަކައި އެނބުރި އެއާޕޯޓަށް ޖެއްސުމަށް ނިންމީ،” ހޮންކޮންގް އެއާޕޯޓުގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ ޑްރީމްލައިނާ ބޯޓެއް އަހުމަދާބާދުން ލަންޑަނަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓި، 242 މީހުން މަރުވި ހާދިސާއިން އަދިވެސް އާއިލާތައް ކަންބޮޑުވުމުގައި ތިބި ދަނޑިވަޅެއްގައެވެ.



