އިންޑިއާގެ ޕަންވެލްގެ ތައްކާ ސަރަޙައްދުގައި ހުންނަ އަންހެން ކުދިންގެ ޔަތީމްޚާނާގެ ކުރިމަތީގައި ބާއްވާފައި އޮތް އަލަށް އުފަންވި ކުއްޖަކު ފެނިއްޖެއެވެ.
ހަބަރުތައް ބުނާގޮތުން އުމުރުން އަދި އެންމެ ދެ ދުވަސް ވީ މި ކުއްޖާ ފެނުނީ ބުއްފުޅިއަކާއި، ބްލޭންކަޓަކާއި، އަދި އަތުން ލިޔެފައިވާ ސިޓީއަކާއެކު ބާސްކެޓެއްގެ ތެރޭގައި ބާއްވާފައި އޮއްވައެވެ.
މި ކުއްޖާ އެންމެ ފުރަތަމަ ފެނުނީ ހެނދުނު 6:30 ހާއިރު، ޔަތީމްޚާނާ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އެގޮތުން އެ ސަރަޙައްދުން އިވުނު ކުޑަކުއްޖެއްގެ ރުއިމުގެ އަޑުން ރައްޔިތުންގެ ސަމާލުކަން ލިބުނު ކަމަށާއި، ފުރަތަމަ ހީކުރީ ބުޅަލެއް ނުވަތަ ކުއްތާއެއްގެ އަޑުކަމަށް ސަރަޙައްދުގެ ރައްޔިތެއް ކަމަށްވާ ރެނޫ ބުންޏެވެ.
ކުއްޖާއާއެކު ފެނުނު ސިޓީގައި، އިނގިރޭސި ބަހުން ލިޔެފައިވަނީ “ނަފްސާނީ އަދި މާލީ” ދަތިކަމުގެ ސަބަބުން ކުއްޖާ ބެލެހެއްޓުމަށް ނުކުޅެދޭ ކަމަށާއި، އެކަމާމެދު ހަމްދަރުދީވުމަށް އެދި މައިންބަފައިން އާދޭސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ޕަންވެލް ސިޓީ ފުލުހުން ވަނީ ބަރަތިޔާ ނިޔާޔާ ސަންހިތާ (ބީއެންއެސް) އާއި ޖުވެނައިލް ޖަސްޓިސް އެކްޓްގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައެވެ.
ސީނިއަރ ޕޮލިސް އިންސްޕެކްޓަރ ނިތިން ތަކާރެ ވިދާޅުވި ގޮތުގައި، ކުއްޖާގެ މައިންބަފައިން ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. “އަޅުގަނޑުމެން ކައިރި ޢިމާރާތްތަކުގެ ސީސީޓީވީ ފުޓޭޖް ބަލަމުންދަނީ، އަދި ބާސްކެޓް ބެހެއްޓި މީހަކު ފެނިފައިވޭތޯ ރައްޔިތުންނާ ވާހަކަދައްކަމުންދަނީ،” ތަކާރެ ވިދާޅުވިއެވެ.
މިވަގުތު އެ ކުއްޖާއަށް ދަނީ ޕަންވެލް ސަބް-ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކުއްޖާގެ ޙާލަތު ރަނގަޅު ނަމަވެސް، އުމުރާއި ފިނިކަމަށް ހާމަވެފައިވާތީ ދަނީ ގާތުން މޮނިޓަރ ކުރަމުންނެވެ.



