އިންޑޮނޭޝިއާގެ ބާލީ ރަށާ ކައިރިން ދަތުރުކުރަމުންދިޔަ ބަންޑުންޖަހާލި ހާދިސާގައި 4 މީހުން މަރުވެ، 38 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ސާރޗް އެންޑް ރެސްކިއު އޭޖެންސީން ބުނެފިއެވެ.
ކޭއެމްޕީ ތުނު ޕްރަތަމަ ޖަޔާ ފެރީ އީސްޓް ޖާވާގެ ކެޓަޕަންގް ބަނދަރުން ފުރި ތިރީސް މިނެޓް ފަހުން ފެތިގެން ދިޔައީ ބުދަ ދުވަހުގެ ރޭ ލަސްވެގެންނެވެ. މި ހާދިސާއިން 23 މީހުން ދިރި ތިބިކަން ކަށަވަރުވެފައިވާ ކަމަށް ނެޝަނަލް ސާރޗް އެންޑް ރެސްކިއު އޭޖެންސީން ބުނެފައިވެއެވެ.
ބާލީގެ ގިލިމަނުކް ބަނދަރަށް ދަތުރުކުރަމުންދިޔަ މި ފެރީގައި 53 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިބިއެވެ. މީގެ އިތުރުން 14 ޓްރަކް ހިމެނޭ ގޮތަށް 22 އުޅަނދު ވެސް މި ފެރީގައި އެކުލެވެއެވެ. މިއީ ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ ދަތުރެކެވެ.
ބަންޔުވަންގީ ޕޮލިސް ޗީފް ރާމާ ސަމްތަމާ ޕުޓްރާ އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މަދުވެގެން ހަތަރު ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ގަދަ ރާޅުތަކުގެ ތެރޭގައި ގިނަ ގަޑިތަކެއް ވަންދެން ތިބުމަށްފަހު ސަލާމަތްކުރެވުނު 23 މީހުންގެ ތެރެއިން ގިނަ މީހުން ތިބީ ހޭނެތިފައެވެ.
ބުދަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ ސާރޗް އެންޑް ރެސްކިއު މަސައްކަތުގައި މަދުވެގެން 9 އުޅަނދު ބޭނުންކުރިއެވެ. މީގެ ތެރޭގައި 2 ޓަގް ބޯޓާއި 2 ދޯނި ހިމެނެއެވެ. ރެސްކިއު މަސައްކަތްކުރި ފަރާތްތަކަށް 2 މީޓަރު އުސްމިނުގެ ރާޅުތަކާ ކުރިމަތިލާން ޖެހުނެވެ.



