ރަޝިއާގެ އެއަރ ސްޓްރައިކްތަކުން ރައްކާތެރިވުމަށް ޔުކްރެއިނަށް ބޭނުންވާ ޕެޓްރިއަޓް އެއަރ-ޑިފެންސް ބެޓަރީތައް އިތުރަށް ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްއަށް ވަޑައިގަންނަވަމުން ރައީސް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ އެއްވެސް އަގަކާއި ނުލައި ޔުކްރޭނަށް ކޮންމެހެން ބޭނުންވާ ޕެޓްރިއަޓް މިސައިލްތައް ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނީއްސުރެ ޔުކްރެއިނަށް އައު ހަތިޔާރު ފޮނުވުމަށް ހުއްދަ ދެއްވުމަށް ޖެހިލުންވެވަޑައިގެން ހުންނެވުމަށްފަހު ގެންނެވި ބަދަލެކެވެ. މީގެ ކުރިން ޓްރަމްޕް މަސައްކަތް ކުރައްވާފައިވަނީ ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިން މަޝްވަރާގެ މޭޒަށް ގެނައުމަށެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑެންއަށް ނުކުރެވުނު ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ޓްރަމްޕަށް ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާއިން ވަރަށް ފުރިހަމަ ހަތިޔާރުތައް ފޯރުކޮށްދޭ ކަމަށާއި، ޔުކްރެއިނުން އޭގެ 100 ޕަސެންޓް އަގު ދައްކާނެ ކަމަށެވެ. އަދި ޕުޓިންގެ އަމަލުތަކާމެދު ހިތްހަމަނުޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ޕުޓިން ރީތިކޮށް ވާހަކަދައްކާފައި ރޭގަނޑު ބޮން އަޅަނީ ކަމަށް ވިދާޅުވެފައެވެެ.
ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ ރޯމްގައި އެމެރިކާ އަދި ޔޫރަޕުގެ އެކުވެރިންނާއެކު ބޭއްވުނު ބައްދަލުވުމަކުން، ޓްރަމްޕް ހަނގުރާމައިގައި ހަލާކުވެފައިވާ ޤައުމަށް އަސްކަރީ އެހީތެރިކަން އިތުރު ކުރައްވާނެކަމުގެ އުއްމީދު ލިބިވަޑައިގެންފައިވާ ކަމަށެވެ. މީގެ ތެރޭގައި އެއަރ ޑިފެންސްވެސް ހިމެނެއެވެ.



