ޖޫން މަހު ހިނގި އެއަރ އިންޑިއާގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން، އިންޑިއާގެ އެއަރލައިންތަކުގައި ބޭނުންކުރާ ބޯއިންގ މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗްތައް ޗެކްކުރުމަށް އެ ގައުމުގެ އޭވިއޭޝަން ރެގިއުލޭޓަރުން އަންގައިފިއެވެ.
ޖޫން މަހު ހިނގި ނުރައްކާތެރި ހާދިސާގައި 260 މީހުން މަރުވެފައިވެއެވެ. އެ ހާދިސާގައި އެންމެ މީހަކު ސަލާމަތްވީއިރު، އިންޑިއާގެ ޑޮކްޓަރުން ތިބޭ ހޮސްޓެލްއެއްގެ ކެންޓީނެއްގައި ތިބި ބަޔަކުވެސް މަރުވެފައި ވެއެވެ.
ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން މިފަދައިން އަންގާފައިވަނީ، އިންޑިއާ އަދި ބައިނަލްއަގުވާމީ އެއަރލައިންތަކުން މިހާރުވެސް އަމިއްލައަށް މިކަންކަން ޗެކް ކުރަން ފަށާފައިވަނިކޮށެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހޯމަ ދުވަހު ބުނެފައިވަނީ ބޯއިންގ މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗްތަކަކީ ރައްކާތެރި އެއްޗެހި ކަމަށެވެ.
ލަންޑަނަށް ދަތުރުކުރި ފްލައިޓް 171، ބޯއިންގ 787 ޑްރީމްލައިނާގައި ހިނގި މި ހާދިސާއަކީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ދުނިޔޭގައި ހިނގި އެންމެ ނުރައްކާތެރި އޭވިއޭޝަން ހާދިސާތަކުގެ ތެރެއިން އެކެކެވެ. ޕްރިލިމިނަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަތިންދާބޯޓު އުދުހުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އިންޖީނުތަކަށް ދޭ ތެޔޮ ކެނޑިފައިވެއެވެ.
ޑީޖީސީއޭ އިން އަންގާފައިވާ ގޮތުން، ޖުލައި 21 ގެ ކުރިން މި ޗެކްތައް ނިންމަންޖެހޭނެއެވެ. އަދި މަތިންދާބޯޓުތަކުގެ އެއަރވާދިނަސް އަދި އޮޕަރޭޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި މުއްދަތަށް ގަވާއިދުން ތަބާވުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.
އިންޑިއަން ކޮމާޝަލް ޕައިލެޓްސް އެސޯސިއޭޝަނުން ހާދިސާ ހިނގި ފްލައިޓްގެ ފަޅުވެރިން ދިފާއުކޮށް ބުނެފައިވަނީ، އުނދަގޫ ހާލަތެއްގައި އެ މީހުންގެ ތަމްރީނާއި މަސްއޫލިއްޔަތުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް ޕައިލެޓުންނަށް ބަދުނާމުކުރުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.



