ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ޖަވާބުދާރީވުމަށް އެދި ދަރިވަރުން އިހުތިޖާޖުކޮށްފިއެވެ. މި އިހުތިޖާޖުތައް ފެށުނީ އެއަރ ފޯސްގެ ޖެޓް މަތީ ތަޢުލީމުދޭ މަރުކަޒަކަށް ވެއްޓި، 25 ކުޑަކުދިންނާއެކު 31 މީހުން މަރުވި ހާދިސާއާ ގުޅިގެންނެވެ.
ޗައިނާގައި އުފައްދާފައިވާ އެފް-7 ބީޖީއައި ބަނގްލަދޭޝް އެއަރ ފޯސް ޖެޓް ސްކޫލަށް ވެއްޓުނު އިރު، ގިނަ ކުދިންނަކީ 12 އަހަރުން ދަށުގެ ކުދިންނެވެ. މި ހާދިސާ ހިނގީ ކުދިން ގެއަށް ދާން ތައްޔާރުވަމުންދަނިކޮށެވެ. މިލިޓަރީން ބުނާ ގޮތުގައި މި ހާދިސާ ދިމާވީ މެކޭނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
މި ހާދިސާ އާއި ގުޅިގެން ސަރުކާރުގެ ދެ އިސް ވެރިން ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރި ވަގުތު، އެ ސްކޫލާއި ކައިރި ކޮލެޖުތަކުގެ ދަރިވަރުން އިހުތިޖާޖުކޮށް، މަރުވި މީހުންގެ ސައްހަ އަދަދު ހާމަކުރުމަށާއި “އަޅުގަނޑުމެންގެ އަޚުން މަރުވީ ކީއްވެގެންތޯ؟” ސުވާލުކޮށް ގޮވި އަޑުތައް އިވުނެވެ.
މި ހާދިސާގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޕައިލެޓް މީހުން ދިރިއުޅޭ ސަރަހައްދުތަކުން ދުރަށް ޖެޓް ގެންދަން މަސައްކަތްކުރި ނަމަވެސް، ޖެޓް ވެއްޓުނީ ސްކޫލް ކެމްޕަހަށެވެ. މި ހާދިސާގައި ޕައިލެޓްވެސް މަރުވިއެވެ. މިލިޓަރީން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި 31 މީހުން މަރުވެ، 165 މީހުން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދެއެވެ. އޭގެ ތެރެއިން 10 މީހުންގެ ހާލަތު ވަނީ ނާޒުކު ހާލަތުގައެވެ.
އިހުތިޖާޖުކުރި ދަރިވަރުން ވަނީ މަރުވި އަދި ޒަޚަމްވި މީހުންގެ ނަންތައް ހާމަކުރުމަށާއި، ބޭނުންކުރަމުންދާ ހިރާސްބޮޑު ޖެޓްތައް ބޭނުންކުރުން ހުއްޓާލުމަށާއި، އެއަރ ފޯސްގެ ތަމްރީނު އުސޫލުތަކަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ. މި ހާދިސާ އާއި ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހިތާމައިގެ ދުވަހެއް އިއުލާންކޮށްފައެވެ.



