ޔަމަނުގެ އައްސޭރިފަށުގައި އުޅަނދެއް ފެތުމުގެ ހާދިސާއެއްގައި 68 އެފްރިކާ ދަތުރުވެރިން މަރުވެ، 74 މީހުން ގެއްލިފައިވާ ކަމަށް އދ. ގެ މައިގްރޭޝަން އޭޖެންސީން މައުލޫމާތު ދީފިއެވެ.
ޔަމަނުގައި ހުންނަ އައިއޯއެމްގެ އިސްވެރިޔާ އަބްދުއްސައްތާރު އިސޯއެވް ވިދާޅުވި ގޮތުގައި، އަބްޔާން ސަރަހައްދުގައި ފެތުނު އުޅަނދުގައި 154 އިތިޔޯޕިއާ ރައްޔިތުން ތިބިއެވެ. މި ހާދިސާއިން 12 މީހުން ސަލާމަތްވީއިރު، 54 މީހުންގެ ހަށިގަނޑު ހަންފަރު ސަރަހައްދުން ފެނިފައިވެއެވެ. އިތުރު 14 މީހުންގެ ހަށިގަނޑު ވަނީ ހޮސްޕިޓަލުގެ މޯޗަރީއަށް ގެންގޮސްފައެވެ.
ޒަންޒިބާރުގެ ހެލްތު އޮފީހުގެ ޑިރެކްޓަރު އަބްދުލް ގާދިރު ބަޖަމިލް ވިދާޅުވި ގޮތުގައި، ޝަގްރާ ސިޓީ ކައިރީގައި މަރުވެފައިވާ މީހުން ވަޅުލުމުގެ އިންތިޒާމުތައް ކުރިއަށްދާއިރު، ދަތި ހާލަތުގައިވެސް މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޔަމަނާއި އެފްރިކާގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދަކީ ދަތުރުވެރިން ގިނައިން ބޭނުންކުރާ ނަމަވެސް ނުރައްކާތެރި މަގެކެވެ. އައިއޯއެމްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 60،000 އަށްވުރެ ގިނަ ދަތުރުވެރިން ޔަމަނަށް އައިސްފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ 97،200 އާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މި މަގުން ސަތޭކަ އަކަށް މީހުން މަރުވެފައިވާއިރު، ވޭތުވެދިޔަ 10 އަހަރު ތެރޭގައި މަދުވެގެން 2،082 މީހުން ގެއްލި، އޭގެ ތެރެއިން 693 މީހުން ކަނޑުގައި ޣަރަޤުވެފައިވާކަން އައިއޯއެމްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިވަގުތު ޔަމަނުގައި 380،000 އަށްވުރެ ގިނަ ދަތުރުވެރިންނާއި ރެފިއުޖީން ދިރިއުޅެމުންދެއެވެ.



