އިސްރާއީލު ސިފައިން ރޭ ޣައްޒާގެ އެންމެ ފާހަގަކޮށްލެވޭ ދެ ނޫސްވެރިންނާއި އެ ނޫސްވެރިންގެ މުޅި ޓީމު ޝަހީދުކޮށްލައިފިއެވެ. މިއީ ޣައްޒާ ސިޓީއަށް އިސްރާއީލުން ދޭން ގަސްދުކުރާ ބޮޑު ހަމަލާގެ ފެށުން ކަމަށް ބެލެވެއެވެ.
ޣައްޒާގެ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ހާމަކުރި ގޮތުގައި، އަލްޖަޒީރާގެ ނޫސްވެރިން އަނަސް އަލް-ޝަރީފް އަދި މުހައްމަދު ޤުރެއިޤެއާ ޝަހީދުވެފައިވަނީ އެ ދެ ނޫސްވެރިން ތިބި ޓެންޓަށް އިސްރާއީލު ސިފައިން ދިން ހަމަލާއަކުންނެވެ. މިއީ މީޑިއާ މަސައްކަތްތެރިންނަށް ގަސްދުގައި ދިން ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަމަލާގައި ކެމެރާމަނުންނާއި ފޮޓޯގްރާފަރުންކަމަށްވާ އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލް އަދި މުސްއަބް އަލް-ޝަރީފްވެސް ޝަހީދުވެފައިވެއެވެ.
28 އަހަރުގެ އަނަސް އަލް-ޝަރީފް ވަނީ ހޮސްޕިޓަލުގެ މައި ދޮރާށީގެ ބޭރުގައި މަރުކަޒުކޮށްގެން، އުތުރު ޣައްޒާއިން ފުޅާ ދާއިރާއެއްގައި ރިޕޯޓުކުރަމުން ގެންގޮސްފައެވެ. އޭނާ ޝަހީދުވުމުގެ ކުރިން، އެކްސްގައި ޕޯސްޓްކޮށްފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީ އަދި ދެކުނު ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދިޔަ ވަރުގަދަ މިސައިލް ހަމަލާތަކާ ބެހޭ ގޮތުންނެވެ. އޭނާގެ އެންމެ ފަހުގެ ވީޑިއޯގައި ހިމެނެނީ އޭނާ ހުރި ސަރަހައްދާ ކައިރިން އިވުނު ގޮވުމުގެ އަޑުތަކެވެ.
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ ޗީފް އެގްޒެކެޓިވް ޖޯޑީ ގިންސްބަރގް ވިދާޅުވި ގޮތުގައި އަނަސް އަލް-ޝަރީފް ޝަހީދުކޮށްލުމަކީ އިސްރާއީލުން ނޫސްވެރިން ޓާގެޓްކުރުމުގެ ދިގު ތާރީޚެއްގެ ބައެކެވެ. “މިއީ އަނަސް އަލް-ޝަރީފްގެ މައްސަލައެއް ނޫން. މިއީ އިސްރާއީލުން ނޫސްވެރިން މެރުމުގެ އެތައް އަހަރެއްގެ އާދައިގެ ބައެއް،” އޭނާ ވިދާޅުވިއެވެ.
މި ފަސް މީޑިއާ މަސައްކަތްތެރިން ޝަހީދުކޮށްލީ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ޣައްޒާ ސްޓްރިޕް އޮކިއުޕައިކުރުމުގެ ޕްލޭނެއް ފާސްކުރި ދުވަސްތަކެއްގެ ފަހުންނެވެ. މި އޮޕަރޭޝަންގެ މަޤްޞަދަކީ ޣައްޒާ ސިޓީ ހިފައި، އެތަނުގައިވާ ގާތްގަނޑަކަށް އެއް މިލިއަން ފަލަސްޠީނު ރައްޔިތުން ނެރުމެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 200 އަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އަލްޖަޒީރާގެ ނޫސްވެރިންނާއި އެ ނޫސްވެރިންގެ ޢާއިލާގެ މެންބަރުންވެސް ހިމެނެއެވެ.



