ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ހަނގުރާމަ ހުއްޓާލުމަށް ތައްޔާރުވަމުން ނުދާ ކަމަށާއި، އޭގެ ބަދަލުގައި އާ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ޕިއުޓިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެލާސްކާގައި ބައްދަލުކުރައްވަން ހަމަޖެހިފައިވަނިކޮށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރެއިންގެ އިންޓެލިޖެންސް އަދި އަސްކަރީ ކޮމާންޑަރުންގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ޕިއުޓިން ޓްރަމްޕްއާ އެކު ހުކުރު ދުވަހު ބާއްވާ ބައްދަލުވުން އަމިއްލަ ކާމިޔާބެއްގެ ގޮތުގައި ދައްކުވައިދީ، އޭގެ ފަހުން ކުރިންވެސް ޢަމަލުކުރަމުން އައި ގޮތަށް ޢަމަލުކުރަން ގަސްތުކުރައްވާ ކަމަށެވެ.
“އޭނާ ހަނގުރާމަ ހުއްޓާލުމަށް ނުވަތަ ހަނގުރާމައިގެ ނިމުމަކަށް އެއްގޮތަކަށްވެސް ތައްޔާރުވަމުން ނުދޭ،” ޒެލެންސްކީ ހޯމަ ދުވަހުގެ ރޭ މީސް މީޑިއާގައި ޕޯސްޓްކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވިއެވެ.
ޔުކްރެއިންގެ ދެކުނު ކުރިމަތީ ސަރަހައްދުގެ އަސްކަރީ ތަރުޖަމާނު، ވްލަދިސްލަވް ވޮލޮޝިން ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި ރަޝިޔާއިން ވަނީ ޒަޕޮރިޒިއާ ސަރަހައްދުގައި އިތުރު ހަމަލާތަކަށް ބައެއް އަސްކަރީ ޔުނިޓްތައް އެހެން ތަންތަނަށް ބަދަލުކުރަމުންނެވެ.
މީގެ ކުރިން ހޯމަ ދުވަހު ޒެލެންސްކީ އިންޒާރު ދެއްވާފައިވަނީ ރަޝިޔާއަށް އެއްވެސް ކަހަލަ ތަނާޒުލެއް ވުމަކުން ޔުކްރެއިންގައި ހަނގުރާމަ ކުރުން ހުއްޓާލާކަށް ހިތްވަރުނުދޭނެ ކަމަށެވެ.
“ރަޝިޔާއިން މީހުން މެރުން ހުއްޓާލަން އިންކާރުކުރޭ، އެހެންކަމުން އެއްވެސް އިނާޔަތެއް ނުވަތަ ފައިދާއެއް އެ ޤައުމަށް ލިބިގެން ނުވާނެ،” ޒެލެންސްކީ އެކްސްގައި ލިޔުއްވިއެވެ.



