ޣައްޒާ ސިޓީ އަސްކަރީ ގޮތުން އޮކިއުޕައި ކުރުމުގެ ރޭވުންތައް ހުއްޓާލުމަށާއި، އެ ސަރަހައްދަށް އެއްވެސް ހުރަހެއްނެތި ކާބޯތަކެތީގެ އެހީ ވެއްދުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ގޮވާލައި، ނޯބެލް އިނާމު ލިބިފައިވާ 10 ފަރާތަކާއެކު އެމެރިކާއާއި ޔޫރަޕްގެ 23 އިސް އިކޮނޮމިސްޓުން ސިޓީއެއް ފޮނުވައިފިއެވެ.
މި ސިޓީގައި ފުރަތަމަ ސޮއިކުރައްވާފައިވަނީ ނޯބެލް ލޯރިއެޓް އަދި އެމްއައިޓީގެ އިކޮނޮމިސްޓް، ބައިނަލްއަގުވާމީ ބެސްޓްސެލާ “ވައި ނޭޝަންސް ފެއިލް” ގެ ލިޔުންތެރި ޑަރޮން އަސެމޮގްލޫއެވެ. މި ސިޓީ އޭނާ ވަނީ ހުކުރު ދުވަހު އެކްސް ގައި ހިއްސާކޮށްފައެވެ.
“ޣައްޒާގައި ފެތުރެމުންދާ ބަނޑުހައިހޫނުކަމާއި، އިޒްރޭލު ސަރުކާރުން ‘ހިއުމެނިޓޭރިއަން ސިޓީ’ އެއް ގާއިމުކޮށް އާންމު ރައްޔިތުން އެތަނަށް ޖަމާކުރުމުގެ ރޭވުމާ ގުޅޭގޮތުން ނުހަނު ކަންބޮޑުވުމާއެކު މި ސިޓީ ލިޔަމެވެ،” ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، އިކޮނޮމިސްޓުން ފާހަގަކޮށްފައިވާ ގޮތުގައި ޣައްޒާގެ 2.1 މިލިއަން އާބާދީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކާއެއްޗެއް ނުލިބި ހޭދަކޮށްފައެވެ. އަދި އެންމެ ތިން މަސް ކުރިއާ އަޅާބަލާއިރު މިހާރު ޣައްޒާގެ މާކެޓްތަކުގެ އަގުތައް ވަނީ 10 ގުނަ އިތުރުވެފައެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ހުށަހަޅާފައިވާ “ހިއުމެނިޓޭރިއަން ސިޓީ” އަކީ ކުރީގެ އިޒްރޭލީ ބޮޑުވަޒީރު އެހުޑް އޮލްމަރޓް ސިފަކުރައްވާފައިވާ ގޮތުގައި “ކޮންސެންޓްރޭޝަން ކޭމްޕެއް” ކަމަށް އިކޮނޮމިސްޓުން ފާހަގަކޮށްފައިވެއެވެ. އާންމު ރައްޔިތުންނާމެދު މިފަދަ އަމަލުތައް ހިންގުމަކީ އިޒްރޭލަށް ކުރެވޭނެ ކަމެއް ނޫންކަމަށް ސިޓީގައި ބުނެފައިވެއެވެ.



