އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ ފަތިހުން ފެށިގެން މިހާތަނަށް 65 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މީގެ ތެރެއިން 37 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައި ކަމަށް މެޑިކަލް ސޯސްތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.
ޝެއިޚް ރަދްވާން ސަރަހައްދުގައި ހުރި ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 12 އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވެއެވެ. މި ސްކޫލްގެ ގޯތިތެރޭގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ވަގުތީ ޓެންޓުތަކުގައި ހިމާޔަތަށް އެދި ތިބި ވަގުތެއްގައި މި ހަމަލާ ދީފައިވާކަން ފާހަގަކުރެވެއެވެ.
ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހުރިހާ ހަނގުރާމަވެރިން ދޫކޮށްލުމާއި ހަމާސް ފުރިހަމައަށް ހަތިޔާރު ދޫކޮށްލުން ހިމެނެއެވެ. ނަމަވެސް ހަމާސްއިން ބުނެފައިވަނީ ފަލަސްތީނު ދައުލަތެއް ޤާއިމްކުރުމަކާ ނުލައި ހަތިޔާރު ދޫކޮށްލުމަށް އެއްބަސްނުވާނެ ކަމަށެވެ.
ޤަތަރާއި މިސްރުގެ މެދުވެރިކަމާއެކު ހުށަހެޅުނު އެންމެ ފަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ ބަންދުގައި ތިބި މީހުން ދޫކޮށްލުމާއި ހަނގުރާމަ ނިންމުމަށް ވަގުތުން މަޝްވަރާތައް ފެށުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް، ޣައްޒާ ސިޓީ ހިފުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ސިފައިންނަށް ހުއްދަ ދީފައިވާކަމަށް ބުނެފައިވެއެވެ.



