ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަހައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، އިސްރާއީލުން ވަނީ ޔަމަނުގެ ވެރިރަށް ސަނާއަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި މަދުވެގެން 6 މީހުން މަރުވެ، 86 މީހުން ޒަހަމްވެފައިވާ ކަމަށް ހޫތީންގެ އަލް މަސީރާ ޓީވީން ބުނެފައިވެއެވެ.
އާދީއްތަ ދުވަހު ދިން މި ހަމަލާތަކުގައި ތެޔޮ ފެސިލިޓީއަކާއި ކަރަންޓު އުފައްދާ މަރުކަޒަކަށް އަމާޒުކުރި ކަމަށް ހޫތީން ބުނެފައިވެއެވެ. އަދި އިސްރާއީލުން ބުނާ ގޮތުގައި “ސިފައިންގެ އަސްކަރީ ސަރަހައްދެއް” ކަމަށް ބުނާ ރިޔާސީ ގަނޑުވަރަކަށްވެސް ހަމަލާދީފައިވެއެވެ.
މި ހަމަލާތައް ދިނީ ހޫތީންގެ ފަރާތުން އިސްރާއީލަށް މިސައިލް ދޫކޮށްލި ތާ ދެ ދުވަސް ފަހުންނެވެ. ހޫތީންގެ ފަރާތުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރު ފޯރުވުމުގެ ގޮތުން މިފަދަ ހަމަލާތައް ދެމުންދާނެ ކަމަށެވެ.
“އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކުން ޣައްޒާއަށް އެހީތެރިވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހުއްޓުވޭނެ ކަމެއް ނޫން. އެއްވެސް ޤުރުބާނީއަކަށް ފަހަތަށް ނުޖެހޭނަން،” ހޫތީ އޮފިޝަލް މުހައްމަދު އަލް ބުހައިތީ ވަނީ ބުނެފައެވެ.
ހޫތީންގެ ދިފާއީ މިނިސްޓްރީގެ އޮފިޝަލް އަބްދުލް ތަވުރު ވިދާޅުވި ގޮތުގައި އިސްރާއީލުން އަސްކަރީ އަމާޒުތަކަށް ހަމަލާދިން ކަމަށް ބުނާ ބުނުމަކީ ދޮގެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ހަމަލާދިނީ އާންމު ރައްޔިތުންގެ ވަސީލަތްތަކަށް، ޔަމަނުގެ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ގޮތުންނެވެ.



