ދެކުނު ކޮރެއާ ސަރުކާރުން ޣައްޒާގެ ކުއްލި ހާލަތަށް 30 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. މި އެހީ ފޯރުކޮށްދޭނީ ޔޫއެން ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)، ޔުނިސެފް އަދި ވާރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) މެދުވެރިކޮށެވެ.
މި އެހީގެ އިއުލާން ކުރުމަށް ރާމަﷲގައި ބޭއްވި ރަސްމިއްޔާތުގައި ފަލަސްތީނުގެ އިޖްތިމާއީ ތަރައްޤީ އަދި ރިލީފް މިނިސްޓަރު ސަމާހް ހަމާދް، ފަލަސްތީނަށް ކަނޑައަޅާފައިވާ ކޮރެއާގެ ރެޕްރެޒެންޓެޓިވް ޔަންގް ކުލް ކޯ، އަދި އދ.ގެ އިންސާނީ އެހީގެ ކޯޑިނޭޓަރު ރަމިޒް އަލަކްބަރޮވް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހަމާދް ވިދާޅުވީ، މަހްދޫދު ވަސީލަތްތަކާއެކުވެސް ޣައްޒާގައި ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފަލަސްތީނު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުއާ ގުޅިގެން ވަގުތުން އަމަލުކުރުމަށް ތައްޔާރަށް ތިބިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެހީ ދިނުމަށް ނިންމާފައި މިވަނީ ޣައްޒާގައި މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި އިންސާނީ ހާލަތުގެ ތެރޭގައި ވަނިކޮށެވެ. މި ހާލަތުގައި ހާސްތަކެއް ޢާއިލާތައް ވަނީ މަޖުބޫރުން ގެދޮރު ދޫކޮށް ދާންޖެހިފައެވެ. ކުޑަކުދިންނަށް ތައުލީމު ލިބުމުގެ ހައްޤު ގެއްލި، އެތައް ބަޔަކަށް ކާބޯތަކެއްޗާއި، ހިޔާވަހިކަމާއި، ސާފު ފެނާއި، ސިއްހީ ފަރުވާ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.
ފަލަސްތީނަށް ކަނޑައަޅާފައިވާ ކޮރެއާގެ ރެޕްރެޒެންޓެޓިވް ވިދާޅުވި ގޮތުގައި، މިއަހަރު ކޮރެއާ ސަރުކާރުން ވަނީ އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ. އޭގެ ތެރޭގައި ޣައްޒާއަކީ އެންމެ މުހިންމު އެއް އަމާޒު ކަމަށާއި، 30 މިލިއަން ޑޮލަރުގެ މި ތިން މަޝްރޫއަކީ މި ނާޒުކު ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުންނަށް ލިބޭނެ ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.



