އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނިއުޔޯކަށް ދަތުރުކުރުމަށް ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމި ނިންމުމާމެދު އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިންކުށްވެރިކޮށްފިއެވެ.
އޯއައިސީން ބުނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އެމެރިކާއިން ސޮއިކޮށްފައިވާ “ހެޑްކއޯޓަރސް އެގްރީމަންޓް” އާ ޚިލާފު، ތަފާތުކުރުން ގެންގުޅޭ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުން އަލުން މުރާޖަޢާކުރުމަށް އެމެރިކާގެ ސަރުކާރަށް ގޮވާލާފައިވެއެވެ.
އެމެރިކާއިން އދ. އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށާއި، ހުރިހާ ޤައުމުތަކަކާއި އެ ޤައުމުތަކުގެ ރަސްމީ މަންދޫބުންނަށް ހުޅުވާލެވިފައިވާ މަންސަތެއްގެ ގޮތުގައި އދ. ގެ ދައުރު އިޙްތިރާމްކުރުމަށް އޯއައިސީން ވަނީ އެމެރިކާއަށް ގޮވާލާފައެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް، ޚާއްޞަކޮށް އދ. އަށް، މި ނިންމުން ބަދަލުކުރުމަށްޓަކައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއެކު ވަގުތުން މަސައްކަތްކުރުމަށް އޯއައިސީން ގޮވާލާފައިވެއެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މަހުގައި ނިއުޔޯކުގައެވެ. މި ބައްދަލުވުންތަކުގައި ފަލަސްތީނުގެ ވަފުދަށް ބައިވެރިނުވެވުމަކީ އެ ޤައުމުގެ ޙައްޤުތަކަށް އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.



