އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އިއްޔެއިން ފެށިގެން މިހާތަނަށް 95 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެކަމަށް ސިއްހީ ވަސީލަތްތަކުން ކަށަވަރުކޮށްދީފިއެވެ.
މި ގޮތުން އަލް-ޝިފާ ހޮސްޕިޓަލަށް 35 ހަށިގަނޑު، ޝެއިޚް ރަދުވާން ކްލިނިކަށް 4 ހަށިގަނޑު، އަލް-އަވްދާ ހޮސްޕިޓަލަށް 10 ހަށިގަނޑު، އަލް-އަޤްސާ ހޮސްޕިޓަލަށް 3 ހަށިގަނޑު، ނާސިރު ހޮސްޕިޓަލަށް 31 ހަށިގަނޑު އަދި އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް 12 ހަށިގަނޑު ގެންދެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެހީ ހޯދަން އުޅުނު 12 މީހުން ޝަހީދުކޮށް، 90 މީހުންނަށް އަނިޔާވެފައިވާ ކަމަށް މެޑިކަލް ވަސީލަތްތަކުން ބުނެއެވެ. މިއާއެކު އެހީ ހޯދަން އުޅުނު ފަރާތްތަކުގެ ތެރެއިން ޝަހީދުވި މީހުންގެ އަދަދު 2,306 އަށް އަރާފައިވާއިރު، 16,929 މީހުންނަށް އަނިޔާވެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 63,633 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 160,914 މީހުންނަށް އަނިޔާވެފައިވެއެވެ. އަދި 10,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ވެއްޓި އޭގެ ދަށުގައި ތިބިކަމަށް ލަފާކުރެވެއެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ގާތްގަނޑަކަށް ދެ މިލިއަން މީހުން ވަނީ ނިކަމެތި ޙާލުގައި ހިޖުރަކުރަން މަޖުބޫރުވެފައެވެ. މިއީ 1948 ވަނަ އަހަރު ހިނގި ނަކްބާގެ ފަހުން ފަލަސްތީނުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހިޖުރައެވެ. މި ގޮތުން ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ވަނީ މިސްރުގެ ބޯޑަރާ ކައިރީގައިވާ ރަފާހު ސަރަހައްދަށް ޖަމާވެފައެވެ.