މި އަހަރުގެ އޯގަސްޓް މަހު އިސްރާއީލް އޮކިއުޕޭޝަން ބާރުތަކުން 15 ނޫސްވެރިން މަރާލާފައިވާކަމަށް ފަލަސްތީނު ޖާނަލިސްޓް ސިންޑިކެޓުން ހާމަކޮށްފިއެވެ. މީގެ ތެރޭގައި 3 އަންހެން ނޫސްވެރިން ހިމެނެއެވެ.
ސިންޑިކެޓްގެ ފްރީޑަމްސް ކޮމިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހު ވެސްޓް ބޭންކް އަދި ގާޒާ ސްޓްރިޕްގައި ނޫސްވެރިންނާ ދެކޮޅަށް ޖުމްލަ 86 ޖަރީމާ އަދި އަނިޔާގެ ޢަމަލު ހިންގާފައިވެއެވެ. މަރާލެވުނު އަންހެން ނޫސްވެރިންގެ ތެރޭގައި މަރްވާ މުސްލިމް، މަރިޔަމް އަބޫ ދައްޤާ، އަދި އިސްލާމް ޢާބިދު ހިމެނެއެވެ.
އެންމެ ނުރައްކާތެރި ހާދިސާތަކުގެ ތެރޭގައި އޯގަސްޓް 10 ވަނަ ދުވަހު އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައި 6 ނޫސްވެރިން މަރާލި ހާދިސާ އަދި އޯގަސްޓް 25 ވަނަ ދުވަހު ހާން ޔޫނިސްގެ ނާސަރ ހޮސްޕިޓަލުގައި 5 ނޫސްވެރިން މަރާލައި 4 ނޫސްވެރިންނަށް އަނިޔާކުރި ހާދިސާ ހިމެނެއެވެ.
މީގެ އިތުރުން، މަދުވެގެން 6 ނޫސްވެރިންނަށް ޝަރަޕްނަލް އަދި ލައިވް ފަޔަރިންގ ސަބަބުން ބޮޑެތި އަނިޔާތައް ލިބި، ބައެއް މީހުން ދާއިމީ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހުނެވެ. އަދި 3 ނޫސްވެރިންގެ ޢާއިލާގެ މެންބަރުން މަރާލައި، 4 ޢާއިލާގެ ގެތައް ވަނީ ހަލާކުކޮށްލާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފަރަހް އަބޫ އައްޔާޝް، މުޢާޛު އަމަރްނެހް، އަދި އަސީދު އަމަރްނެހް ހައްޔަރުކުރެވުނެވެ. މީގެ އިތުރުން، ނޫސްވެރި ޓީމުތަކަށް 6 ފަހަރު ސީދާ ޖިސްމާނީ އަނިޔާ ކުރެވުނެވެ. އަދި އަލް-މުޣައްޔިރު، ބައިތު ދަޖަން، ރާމަﷲ، އަދި ނާބުލުސް ފަދަ ސަރަޙައްދުތަކުގައި 33 ފަހަރު ނޫސްވެރިން ޚަބަރު ކަވަރުކުރުން މަނާކޮށްފައިވެއެވެ.
އިސްރާއީލީ ކޮލޮނިސްޓުން ނޫސްވެރިންނާ ދެކޮޅަށް ހިންގި 3 ހަމަލާގެ އިތުރުން، އިސްރާއީލީ މީޑިއާ ފިގަރސް އަދި ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ނޫސްވެރިން މެރުމަށް ހިތްވަރުދިން 3 ހާދިސާ ވެސް ވަނީ ރިކޯޑުކުރެވިފައެވެ. މިކަމުގެ ސަބަބުން ގާޒާގައި ނޫސްވެރިން މަރާލުމަށް ސީދާ މަގުފަހިވެގެން ގޮސްފައިވެއެވެ.