ނޭޕާލްގެ ސަލާމަތީ ބާރުތަކުން މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 19 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ޒަހަމްވުމާ ގުޅިގެން ގައުމުން ސޯޝަލް މީޑިއާގެ ޚިދުމަތްތައް ބްލޮކް ކުރުން ނިމުމަކަށް ގެނެސްފިއެވެ.
ނޭޕާލް ފުލުހުންގެ ތަރުޖަމާނު ޝެކަރު ކަނާލް ވިދާޅުވި ގޮތުގައި ކަތުމަންޑޫގައި ހިނގި މުޒާހަރާގައި 17 މީހުން މަރުވެފައިވާއިރު، އިތުރު ދެ މީހަކު މަރުވެފައިވަނީ އިރުމަތީ ނޭޕާލްގެ ސުންސަރީ ސަރަހައްދުގައެވެ. މުޒާހަރާކުރި މީހުން ޕާލިމެންޓަށް ވަދެވޭތޯ މަސައްކަތް ކުރުމުން ފުލުހުން ވަނީ ރަބަރު ބުލެޓާއި، ކަރުނަ ގޭހާއި، ވޯޓަރ ކެނަންގެ އިތުރުން ދަނޑި ބޭނުންކޮށްފައެވެ.
މި ހާދިސާގައި ޒަހަމްވި 400 އެއްހާ މީހުންގެ ތެރޭގައި 100 އަށްވުރެ ގިނަ ފުލުހުން ހިމެނެއެވެ. އަދި މި ހަމަނުޖެހުމާ ގުޅިގެން ނޭޕާލްގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް ވަނީ އިސްތިއުފާ ދެއްވާފައެވެ.