އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާ އަށް ދިން ހަމަލާއާ ގުޅިގެން މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށް، ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުންތަކެއް މަޝްވަރާކުރަން ތިއްބައެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހަ މީހަކު ޝަހީދުވެފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް ވިދާޅުވި އެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކާ ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި، މި ހަމަލާއަށް ދޭނެ ރައްދަކާ ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ސުލްހައަށް އޮތް ކޮންމެ ފުރުސަތެއް ވެސް ހަލާކުކޮށްލުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ މަސްލަހަތަށް މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް ކަމަށް ގަތަރުގެ ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. މީގެއިތުރުން މި ހަމަލާ ދިނުމުގެ ކުރިން އެކަން އެމެރިކާއިން ގަތަރު ސަރުކާރަށް އެންގި ކަމަށް ބުނާ ވާހަކަތައް ވެސް ބޮޑުވަޒީރު ދޮގުކުރެއްވި އެވެ.