ލުބުނާނުގެ ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ އިސްރާއީލުން ދަކުނު ބައިރޫޓަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކުރިތާ އަހަރެއް ފަހުން، އެ ޖަމާއަތުގެ މިހާރުގެ ލީޑަރު ނައީމް ގާސިމް ވިދާޅުވެފައިވަނީ ހިޒްބުﷲ އިން ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބައިރޫޓުގައި ނަސްރުﷲގެ ގަބުރުސްތާނުގައި އެއްވެފައިވާ ހާހުން ގިނަ މީހުންނާ މުހާތަބުކުރައްވަމުން ގާސިމް ވިދާޅުވީ، އިސްރާއީލާ އެކު ކުރި ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ހިޒްބުﷲގެ އަސްކަރީ ބާރު ދަމަހައްޓާނެ ކަމަށެވެ.
“އަޅުގަނޑުމެން ހަތިޔާރު ދޫކޮށްނުލާނަން، އަދި އެއާ ދުރަށްވެސް ނުދާނަން،” ގާސިމް ވިދާޅުވިއެވެ. އަދި އިސްރާއީލަށް ފައިދާވާ ކޮންމެ ކަމަކާ ދެކޮޅަށް ހިޒްބުﷲ އިން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިފަދައިން ގާސިމް ވިދާޅުވެފައި މިވަނީ ލުބުނާނުގެ އައު ސަރުކާރުން އީރާނުގެ ބެކިން އޮންނަ ހިޒްބުﷲ ހަތިޔާރު ދޫކޮށްލުމަށް އާންމުކޮށް ގޮވާލުމަށް ފަހުގައެވެ.