ފިލިޕީންސްގެ މެދުތެރޭގައި ހިމެނޭ ސެބޫ ޖަޒީރާގެ އުތުރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި26 މީހުން މަރުވެ، 150 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެއެވެ. މި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، މަގުމައްޗަށް މީހުން ނުކުމެ، ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑިފައިވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި މި ބިންހެލުން އައީ ރޭ 9:59 ހާއިރު، 90،000 މީހުންގެ އާބާދީއެއް އޮންނަ ބޯގޯ ސިޓީ ކައިރިއަށެވެ. މި ބިންހެލުމަށްފަހުވެސް، އެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 5 އަށްވުރެ މަތިން ހަތަރު ބިންހެލުން އައިސްފައިވެއެވެ.
ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލުން މިއަދު ބުނީ މި ބިންހެލުމުގައި 26 މީހުން މަރުވެ، 147 މީހުންނަށް އަނިޔާވެ، 22 އިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ސެބޫގެ ގަވަރނަރު ޕަމެލާ ބަރިކުއަޓްރޯ ވިދާޅުވި ގޮތުގައި ބިންހެލުމުގައި ލިބުނު ގެއްލުންތައް އަދިވެސް ދަނީ ދެނެގަންނަމުންނެވެ. އަދި ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ސަރަހައްދުތަކަށް މެޑިކަލް ޓީމުތަކާއި ބޭސްފަރުވާގެ ތަކެއްޗާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ އޮފީހާ ގުޅިގެން އިތުރު އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ފިލިޕީންސްއަކީ ޕެސިފިކް ރިންގް އޮފް ފަޔަރގައި އޮންނަ ޤައުމަކަށްވުމުން، އެ ޤައުމުގައި ބިންހެލުމާއި އަލިފާން ފަރުބަދތައް ގޮވުން ފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖުލައި މަހު އައި ރިކްޓަރ މިންގނަޑުން 7 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 5 މީހުން މަރުވެ، 60 މީހުންނަށް އަނިޔާވިއެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައި ބިންހެލުމެއްގައި އެކަކު މަރުވެ، ހާހަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.