ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމާއެކު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުމުގައިވާ ކަންކަމަށް މަޝްވަރާކުރަން ހަމާސްއިން އެއްބަސްވެއްޖެއެވެ.
ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިތައްވެސް ހަވާލުކުރާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ތަފްސީލްތަކާ މެދު މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފެށުމަށް ތައްޔާރަށް ތިބިކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ޓްރަމްޕްގެ ހުށަހެޅުމުގައި ޣައްޒާގެ ވެރިކަމުން ހަމާސް ދުރުކޮށް ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ހިމެނޭއިރު، ހަމާސްއިން ބުނެފައިވަނީ ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާއެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރުމަށްވެސް އެއްބަސްވާ ކަމަށެވެ.
މި ހުށަހެޅުމަށް ހަމާސްއިން ޖަވާބު ދީފައިވާއިރު، ޓްރަމްޕް ވަނީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީން 10:00 އާ ހަމައަށް ވަގުތު ދެއްވާފައެވެ. އަދި މި “ފަހުގެ ފުރުސަތު” ގައި އެއްބަސް ނުވެއްޖެނަމަ “ދުވަހަކު ފެނިފައިނުވާ ވަރުގެ އަނިޔާވެރިކަން ހަމާސްއާ ދެކޮޅަށް ފެންނާނެ” ކަމަށް އިންޒާރު ދެއްވާފައިވެއެވެ.