ޣައްޒާއަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިންމުމަށްޓަކައި މިސުރުގައި ކުރެވެމުންދާ ނުސީދާ މަޝްވަރާތަކުގައި، އެމެރިކާގެ ރައީސް އަދި އެހެނިހެން ސްޕޮންސަރ ގައުމުތަކުގެ ފަރާތުން ހަގީގީ ޔަގީންކަމެއް ހޯދަން ބޭނުންވާކަމަށް ހަމާސްގެ މަޝްވަރާ ޓީމުގެ އިސްވެރިޔާ ބުނެފިއެވެ.
އަލް ގަހިރާ ނިއުސްއަށް ދިން މަދު އިންޓަވިއުތަކުގެ ތެރެއިން އެއް އިންޓަވިއުގައި ހަލީލް އަލް-ހައްޔާ ވިދާޅުވީ، ޒިންމާދާރު އަދި ސީރިއަސް މަޝްވަރާތަކަކާ ހަމަޔަށް އައިސްފައިވަނީ އިސްރާއީލީ އޮކިއުޕޭޝަނުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ދެ އަހަރު ވަންދެން ކުރި މޮޔަ ހަނގުރާމައިގެ ސަބަބުން ޝަހީދުވި މީހުންނާއި، ހަލާކުވި ގެދޮރާއި، އަޅުގަނޑުމެންގެ މީހުންގެ ކަންބޮޑުވުންތަކާއި ވޭންތައް އުފުލައިގެން ކަމަށެވެ.
“މި ހުރިހާ ވޭނެއް އަޅުގަނޑުމެން އުފުލަން. އަދި އަޅުގަނޑުމެންގެ މީހުންގެ އިސްތިގްރާރުކަމާއި، މިނިވަންކަމާއި، ދައުލަތެއް ގާއިމުކުރުމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ލަނޑުދަނޑިތަކާއި އުއްމީދުތައްވެސް އުފުލަން،” އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
އަލް-ހައްޔާ ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލު ޣައްޒާއިން އެއްކޮށް ފޭބުމާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ހައްޔަރީންގެ ބަދަލުގައި އިސްރާއީލުގެ ހައްޔަރީން، ދިރިހުރި އަދި މަރުވެފައިވާ މީހުން ހިމެނޭގޮތަށް، ދޫކޮށްލުމަށް ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ހަމާސްއިން ހުކުރު ދުވަހު ޓްރަމްޕްގެ ހުށަހެޅުއްވި ސުލްހައިގެ ޕްލޭން ގަބޫލުކުރާކަން އިއުލާނުކުރުމާ ގުޅިގެން އެމެރިކާގެ ރައީސް އިސްރާއީލަށް “ވަގުތުން” ބޮންއެޅުން ހުއްޓާލުމަށް ގޮވާލެއްވި ނަމަވެސް، ޣައްޒާގެ އުތުރުގައި މީހުން މެރުމާއި، ބޮންއެޅުމާއި، ސުންނާފަތިކުރުން ކުރިއަށްދާތީ އެކަމުގެ ވޭން ފާޅުކުރެއްވިއެވެ.
މަޝްވަރާތައް ފެށިފައިވަނީ ހޯމަ ދުވަހު މިސުރުގައެވެ. އެމެރިކާގެ ވަފުދެއް، ސްޓީވް ވިޓްކޮފްގެ އިތުރުން ޓްރަމްޕްގެ ދަނބިދަރި ޖަރެޑް ކުޝްނަރ ހިމެނޭގޮތަށް، އަންގާރަ ދުވަހު މިސުރަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.