ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ހަޒްރަތް ޝާޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ސެކްޝަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެއަރޕޯޓުގެ ހުރިޙާ ފްލައިޓް އަދި ލޭންޑިންގ އޮޕަރޭޝަންތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.
އެއަރޕޯޓް އަދި ފަޔަރ ސަރވިސް އޮފިޝަލުން މަޢުލޫމާތު ދެއްވާ ގޮތުގައި، އިމްޕޯޓް ކުރެވޭ މުދާ ގިނައިން ރައްކާކުރެވިފައި ހުންނަ ކާގޯ ސެކްޝަނުގައި ހިނގި މި ހާދިސާގައި އަލިފާނުގެ ސަބަބުން ވަނީ ބޯ ކަޅު ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. މި އަލިފާން ނިއްވުމަށް ފަޔަރ ސަރވިސްގެ 36 ޔުނިޓް މަސައްކަތް ކުރިއިރު، އިތުރު 5 ޔުނިޓް ވެސް ވަނީ އެ އަވަށަށް ފޮނުވާފައެވެ.
މި ހާދިސާގައި ބަންގްލަދޭޝްގެ އާމީ، އެއަރފޯސް އަދި ނޭވީގެ އިތުރުން ބޯޑަރ ގާޑުގެ ދެ ޕްލެޓޫން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުމެފައެވެ. ލޯކަލް ޓީވީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ހާދިސާގައި ފަޔަރ ފައިޓަރުންނާއި އެހެން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.
ޗެނަލް 24 ޓީވީން ސެކިއުރިޓީ ގާޑުންގެ ހަވާލާދީ ބުނާ ގޮތުގައި ކާގޯ ސެކްޝަނުގައި ގިނަ އަދަދެއްގެ އަންނައުނާއި އެހެނިހެން މުދާ ހުރި ކަމަށާއި، ކެމިކަލް ފުޅިތަކެއް ގޮއްވާލުމުގެ އަޑު އިވި، އެކަމުގެ ސަބަބުން އަލިފާން އިތުރަށް ގަދަވެގެން ދިޔަ ކަމަށް ވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ މި ހަފްތާގައި ޑާކާ އަދި ޗަޓަގޮންގ ޕޯޓް ސިޓީގައި ދެ ފެކްޓަރީއެއްގައި ހިނގި ބޮޑެތި އަލިފާނުގެ ދެ ހާދިސާއަށް ފަހުގައެވެ. މީގެ ތެރެއިން ޑާކާގެ މިރްޕުރު ސަރަހައްދުގެ ގާމަންޓް ފެކްޓަރީއެއްގައި ހިނގި ހާދިސާގައި 16 މީހުން މަރުވެފައިވެއެވެ