ހަނގުރާމައިގެ ސަބަބުން ސޫދާނުގެ ދެ ސަރަހައްދަކަށް ބަނޑުހައި ހޫނުކަން ފެތުރިފައިވާ ކަމަށް ދުނިޔޭގެ ބަނޑުހައި ހޫނުކަން މޮނިޓަރ ކުރާ އިދާރާއަކުން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. މިކަމުގެ ސަބަބުން ޑާފޫރުގެ މުހިންމު ސިޓީއެއް ކަމަށްވާ އަލް-ފާޝިރުގައި ޕެރަމިލިޓަރީ ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. ސޫދާނުގެ މި ހާލަތަކީ ދުނިޔޭގެ އެންމެ ބޮޑު އިންސާނިއްޔަތާ ގުޅުންހުރި ކާރިސާގެ ގޮތުގައި މިހާރު ވަނީ ބެލެވިފައެވެ.
ބަނޑުހައި ހޫނުކަމުގެ ކާރިސާތަކާ ބެހޭ އެންމެ އިސް ބައިނަލްއަޤްވާމީ އިދާރާ ކަމަށްވާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ހާމަކުރި ގޮތުގައި ބަނޑުހައި ހޫނުކަން (ފޭސް 5) ފެނިފައިވަނީ ޑާފޫރުގެ އަލް-ފާޝިރު އާއި ދެކުނު ކޯޑޯފާން ޕްރޮވިންސްގެ ކަޑޫގްލީ ޓައުންގައެވެ. މީގެ އިތުރުން ޑާފޫރުގެ އަދި ކޯޑޯފާންގެ 20 ސަރަހައްދެއް ވެސް ބަނޑުހައި ހޫނުކަމުގެ ނުރައްކަލުގައިވާ ކަމަށް އައިޕީސީން ބުނެއެވެ. މި ސަރަހައްދުތަކުގައި ފާއިތުވި މަސްތަކުގައި ހަނގުރާމަ ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
އަލް-ފާޝިރު ވަނީ 18 މަސް ދުވަސް ވަންދެން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ޞާރުގެ ދަށަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ކާނާ އާއި އެހެނިހެން ސާމާނު ލިބުން ވަނީ މެދުކެނޑިފައެވެ. ފާއިތުވި ހަފްތާގައި އާރްއެސްއެފްގެ ހަނގުރާމަވެރިން އަލް-ފާޝިރު ހިފާފައިވާއިރު، އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އައިޕީސީގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވަނީ އަލް-ފާޝިރު އާއި ކަޑޫގްލީގައި ދިރިއުޅުމުގެ ހާލަތު މުޅިން ދަށަށް ގޮސް، ބަނޑުހައިހޫނުކަން ވަރަށް މަތީ ދަރަޖައަކަށް ކުރިމަތިވެފައިވާ ކަމަށެވެ.
ސެޕްޓެމްބަރާ ހަމައަށް ޑާފޫރު އާއި ކޯޑޯފާންގައި ގާތްގަނޑަކަށް 375,000 މީހުން ބަނޑުހައި ހޫނުކަމުގެ ތެރެއަށްހުށަހެޅިފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި ސޫދާނުގެ އެހެން ސަރަހައްދުތަކުގައި 6.3 މިލިއަން މީހުން އިންތިހާއަށް ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އައިޕީސީން ބުނެއެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށްފައި ގޮސްފައެވެ.
އާރްއެސްއެފް އިން ވަނީ ސޫދާނުގެ ވެރިރަށް ޚަރްޠޫމް އަސްކަރިއްޔާ އަތުން މި އަހަރުގެ ކުރީކޮޅު ނެގުމަށްފަހު، އެމީހުންގެ ސަމާލުކަން ހުޅަނގުގެ ޑާފޫރު ސަރަހައްދަށާއި ކޯޑޯފާން ހިފުމަށް ބަދަލުކޮށްފައެވެ. އައިޕީސީގެ އާ ރިޕޯޓުގައި ވަނީ އަލް-ފާޝިރު ކައިރީގައިވާ ތަވީލާ، މެލިޓް އަދި ތަވީޝާ ފަދަ ޓައުންތައް ވެސް ބަނޑުހައި ހޫނުކަމުގެ ނުރައްކަލުގައިވާ ކަމަށް އިންޒާރު ދީފައެވެ. މި ހާލަތު ބަދަލުނުވާނަމަ، ބަނޑުހައި ހޫނުކަމުގެ ކާރިސާ އިތުރަށް ގޯސްވެ، މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.



