އިތިއޯޕިއާގައި ހަލުވިކޮށްފައިވާ އަލިފާން ފަރުބަދައަކުން އުފުލުނު އަޅީގެ ސަބަބުން ދަތުރުތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުމާ ގުޅިގެން، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށްފިއެވެ. މި އަޅިތައް މިހާރު ދަނީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ މަތިން ދަތުރުކުރަމުންނެވެ.
ހޭލީ ގުއްބީ އަލިފާން ފަރުބަދަ ގާތްގަނޑަކަށް 12،000 އަހަރު ފަހުން މިދިޔަ އާދިއްތަ ދުވަހު ގޮވައި، އޭގެ ގަދަ އަޅިތައް ވަނީ ރަތް ކަނޑު ހުރަސްކޮށް ޔަމަނާއި އޮމާންގެ ސަރަހައްދަށް ވެސް ދަތުރުކޮށްފައެވެ. މިހާރު މި އަޅިތައް ވަނީ އުތުރު އަރަބި ކަނޑުގެ މައްޗަށް ވެސް ފެތުރިފައެވެ. އަޅީގެ އެންމެ ގިނަ ބައި މިހާރު ދަތުރުކުރަމުންދަނީ ދިއްލީ، ހަރިޔާނާ އަދި އުއްތަރު ޕްރަދޭޝްގެ ބައެއް ސަރަހައްދުތަކުގެ މަތިންނެވެ. މި އަޅީގެ ސަބަބުން ދިއްލީ އާއި އެއާ ގުޅިފައިވާ ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ދަށްވުމުގެ ފުރުސަތު އޮތް ނަމަވެސް، އަޅީގެ ކޮޅު ހުރީ އެތައް ހާސް ފޫޓު މަތީގައި ކަމަށް ވާތީ، މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ބެލެވެއެވެ.
އަލިފާން ފަރުބަދައިގެ އަޅީގެ މައްސަލައާ ގުޅިގެން ފްލައިޓްތައް ކެންސަލްކުރި އެއާލައިންތަކުގެ ތެރޭގައި އަކާސާ އެއާ، އިންޑިގޯ އަދި ކޭއެލްއެމް ހިމެނެއެވެ. ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ އެއާލައިންތަކަށް، އަޅީގެ އަސަރުކުރާ ސަރަހައްދުތަކުން ދުރުހެލިވުމަށާއި، އެންމެ ފަހުގެ އިރުޝާދުތަކާ އެއްގޮތަށް ފްލައިޓްތައް ރާވައި، ދަތުރުކުރާ މަގުތަކާއި ތެލުގެ ކަންތައްތައް ބެލެހެއްޓުމަށް އަންގާފައެވެ. އަދި އަޅީގެ އަސަރުކުރާ ކަމަށް ޝައްކުވާ ކޮންމެ ހާދިސާއެއް، އޭގެ ތެރޭގައި އިންޖީނުގެ މަސައްކަތަށް އަންނަ ބަދަލުތަކާއި ކެބިންގައި ދުން ނުވަތަ ވަސް ދުވުން ފަދަ ކަންކަން ވީ އެންމެ އަވަހަކަށް ރިޕޯޓުކުރުމަށް ވެސް އެދިފައިވެއެވެ.
ޑީޖީސީއޭ އިން ބުނެފައި ވަނީ، އަލިފާން ފަރުބަދައިގެ އަޅީގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފި ނަމަ، އެ އެއާޕޯޓެއް ހިންގާ ފަރާތުން ވީ އެންމެ އަވަހަކަށް ރަންވޭތަކާއި، ޓެކްސީވޭތައް ބަލައި ފާސްކުރަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ އޮޕަރޭޓަރުންނަށް ވެސް ވަނީ ސެޓެލައިޓްގެ ފޮޓޯތަކާއި މޫސުމާ ބެހޭ މައުލޫމާތު ބޭނުންކޮށްގެން އަޅި އާއި ގުޅޭ ހާލަތު ދެމިހުރި ގޮތް ބަލަމުން ގެންދިއުމަށް އެދިފައެވެ.
އަކާސާ އެއާ އިން ވަނީ އަޅީ އާއި ގުޅިގެން ނޮވެމްބަރު 24 އަދި 25 ވަނަ ދުވަހު ޖިއްދާ، ކުވައިތު އަދި އަބޫދާބީ އަށް ދާން ހަމަޖެހިފައިވާ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ.
އިތިއޯޕިއާގެ އަފާރު ސަރަހައްދުގައި އޮންނަ މި އަލިފާން ފަރުބަދަ ގޮވީ އާދިއްތަ ދުވަހުގެ ހެނދުނު އެވެ. މިކަމުގެ ސަބަބުން އެއާ އެންމެ ކައިރީގައި އޮންނަ އަފްދޭރާ ރަށް ވަނީ އަޅިން ފޮރުވިފައެވެ. އަފާރު ޓީވީ އިން ރިޕޯޓުކުރާ ގޮތުގައި، މި ގޮވުމުގެ ސަބަބުން އާޓާ އަލޭ އާއި އަފްދޭރާ ޓައުންގެ ވަށައިގެންވާ ސަރަހައްދުތަކަށް މެދުމިންވަރުގެ ބިންހެލުންތަކެއް ވެސް ވަނީ އައިސްފައެވެ.



