ރަޝިޔާއިން ޔޫކްރޭންގެ ކަޅު ކަނޑުގެ ބަނދަރު ސިޓީ ކަމަށްވާ އޮޑެސާ ސަރަޙައްދަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހުކުރު ވިލޭރޭ ދިން ހަމަލާއެއްގައި 8 މީހުން މަރުވެ، 27 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރޭނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މި ހަމަލާތައް އައިސްފައިވަނީ ރަޝިޔާއިން އެ ސަރަޙައްދަށް އަމާޒުކޮށް ކުރަމުންދާ ހަމަލާތަކުގެ ތެރެއިންނެވެ.
ޔޫކްރޭންގެ ދައުލަތުގެ ކުއްލި ހާލަތްތަކާބެހޭ ޚިދުމަތުން ބުނި ގޮތުގައި، މި މީހުން މަރުވީ ޕިވްޑެންނޭ ކިޔާ ރަށެއްގައި ހުންނަ ބަނދަރުގެ އުމްރާނީ ތަރައްޤީގެ މަރުކަޒަކަށް ރަޝިޔާގެ މިސައިލް ހަމަލާއެއް ދިނުމުގެ ސަބަބުންނެވެ. މަރުވި މީހުންގެ ތެރޭގައި، ހަމަލާ ދިން ވަގުތު އެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ ބަހެއްގައި ތިބި ބަޔަކު ވެސް ހިމެނޭ ކަމަށް އެ ޚިދުމަތުން ހާމަކުރެއެވެ.
މިދިޔަ ނުވަ ދުވަހުގެ ތެރޭގައި ރަޝިޔާއިން ވަނީ އޮޑެސާއަށް ޖެހިޖެހިގެން ހަމަލާ ދީފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސިޓީއާއި ވަށައިގެންވާ ސަރަޙައްދުތަކަށް ހަފްތާއެއްހާ ދުވަހަށް ކަރަންޓު ކެނޑި، ބަނދަރުގެ އުމްރާނީ ތަރައްޤީއާއި ދަތުރުފަތުރުކުރާ އާދައިގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ރަޝިޔާއިން މިހާރު އަމާޒުކޮށްފައިވަނީ، ފިނި މޫސުން ފެށިފައިވާ މި ދުވަސްވަރު ޔޫކްރޭންގެ ހަކަތައިގެ އުމްރާނީ ތަރައްޤީ ހަލާކުކޮށްލުމަށެވެ. މި މަޤްސަދުގައި ރަޝިޔާއިން އަންނަނީ އެއްފަހަރާ ސަތޭކަޔަށް ވުރެ ގިނަ ޑްރޯންތަކާއި މިސައިލްތައް ބޭނުންކޮށްގެން އެކި އަމާޒުތަކަށް ހަމަލާ ދެމުންނެވެ.
އޮޑެސާ ސަރަޙައްދުގެ އުތުރާއި ދެކުނު ގުޅުވައިދޭ މުހިންމު ދެ ބްރިޖަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް އޮޑެސާގެ ސަރަޙައްދީ އަސްކަރީ އިދާރާގެ ވެރިޔާ އޮލެހް ކިޕަރ ވިދާޅުވެފައިވެއެވެ.



