ސީރިއާގެ ހޯމްސް ސިޓީގައި ހުންނަ މިސްކިތެއްގެ ތެރޭގައި ހުކުރު ނަމާދު ވަގުތު ބޮމެއް ގޮއްވާލުމުގެ ސަބަބުން އަށް މީހުން މަރުވެ، 18 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ސީރިއާގެ ދައުލަތުގެ ނިއުސް އެޖެންސީ ‘ސަނާ’ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އިމާމް އަލީ އިބްނު އަބީ ތާލިބް މިސްކިތުގެ އެތެރޭގެ ފާރުތައް ވަނީ އަނދައި ކަޅުވެފައެވެ. އަދި މިސްކިތުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، މިސްކިތުގެ ކާޕެޓްމަތީގައި ލޭ ހުރި މަންޒަރު ފެންނަން ހުއްޓެވެ. ސަލާމަތީ ބާރުތަކާ ހަވާލާދީ ސަނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާއަކީ މިސްކިތުގެ ތެރޭގައި ގޮއްވާލި އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެކެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ ސަރާޔާ އަންސާރުލް ސުންނާ އިންނެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ އެހެން ޖަމާއަތަކާ ގުޅިގެން، މިސްކިތުގެ ތެރޭގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. މި މިސްކިތް ހުންނަނީ އަލަވީ ދަރިކޮޅުގެ މީހުން ގިނައިން ދިރިއުޅޭ ވަދީ އަލް-ޛަހަބް ސަރަހައްދުގައެވެ.
ސީރިއާގެ ފޮރިން މިނިސްޓްރީން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ މިނިސްޓްރީން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ އިންސާނީ އަދި އަޚްލާގީ އަގުތަކަށް ދެވުނު ފިނޑި ހަމަލާއެއް ކަމަށާއި، މީގެ ބޭނުމަކީ ގައުމުގެ ސަލާމަތާއި ހަމަޖެހުން ނަގާލުން ކަމަށެވެ.
މި ހަމަލާ ދިން ޖަމާއަތަކީ މީގެ ކުރިން ދިމިޝްގުގެ ފައްޅިއަކަށް ދިން ހަމަލާއެއްގެ ޒިންމާވެސް އުފުލާފައިވާ ޖަމާއަތެކެވެ. ބައެއް މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ އިސްލާމިކް ސްޓޭޓް (އައި.އެސް) އާ ގުޅުން އޮންނަ ޖަމާއަތެކެވެ. މި ހަމަލާ މިދިނީ ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލިތާ އަހަރެއް ފުރުނުތަނާ އެވެ. އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ސީރިއާގައި ދީނީ އަދި ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ހިނގާ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ.



