އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ފުރަތަމަ ފަހަރަށް، ޣައްޒާގެ ދެކުނުގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް އާއިލާއަކަށް އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލު ސިފައިން އަމުރުކޮށްފިއެވެ. ޚާން ޔޫނިސްގެ އިރުމަތީގައިވާ ބަނީ ސުހައިލާގެ ރައްޔިތުންނާއި ހަމާސްއިން ބުނާ ގޮތުގައި، އިސްރާއީލު ސިފައިން ދަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދު ފުޅާކުރަމުންނެވެ.
ބަނީ ސުހައިލާގެ އަލް-ރަގަބް އަވަށުގައި ފޭލިގެތަކުގައި ދިރިއުޅޭ އާއިލާތަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހޯމަ ދުވަހު އިންޒާރުގެ ލީފްލެޓްތަކެއް އުޑުން އުކާފައެވެ. އަރަބި، އިބްރާނީ އަދި އިނގިރޭސި ބަހުން ލިޔެފައިވާ މި ލީފްލެޓްތަކުގައި ބުނެފައިވަނީ “މިއީ ކުއްލި މެސެޖެކެވެ. މި ސަރަހައްދަކީ އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެކެވެ. ވަގުތުން މިތަން ހުސްކުރާށެވެ” މިފަދައިންނެވެ.
އިސްރާއީލު އަސްކަރިއްޔާއިން މި ސަރަހައްދުން ފަލަސްތީނު މީހުން މަޖުބޫރުން ބޭރުކުރުމުގެ ރޭވުމެއް އޮތް ކަމަށް އިންކާރު ކުރެއެވެ. ނަމަވެސް ލީފްލެޓްތައް އުކިކަން ކަށަވަރުކޮށްދެމުން ބުނީ، އެއީ ހަމާސްއާއެކު ކަނޑައަޅާފައިވާ ރޮނގު ހުރަސްނުކުރުމަށް ދިން އިންޒާރެއް ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ ކުރިން އިސްރާއީލުން މިފަދަ ލީފްލެޓްތައް އުކުމަށްފަހު އެ ސަރަހައްދުތަކަށް ހަމަލާދީފައިވާތީ، ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.
ހަމާސްގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއީލް އަލް-ޘަވާބްތާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލި ފަހުން އިސްރާއީލުން ޚާން ޔޫނިސްގެ އިރުމަތީގައި އެމީހުންގެ ކޮންޓްރޯލް ފަސް ފަހަރެއްގެ މަތިން ފުޅާކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން މަދުވެގެން 9،000 މީހުންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޘަވާބްތާ ސިފަކުރެއްވި ގޮތުގައި މިއީ އާންމުންނަށް ބިރުދައްކައި ޕްރެޝަރު ކުރުމަށް ހިންގާ އަމަލެކެވެ.
ބަނީ ސުހައިލާގެ ރަށެއްގެ ރައްޔިތެއް ކަމަށްވާ މަހްމޫދު ބުނި ގޮތުގައި، މި އަމުރުގެ ސަބަބުން 70 އަށްވުރެ ގިނަ އާއިލާއަށް އަސަރުކޮށްފައިވެއެވެ. “އަހަރެމެން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ހުޅަނގަށް ބަދަލުވެފައި. މިއީ މިދިޔަ މަހުން ފެށިގެން އިސްރާއީލުން އެމީހުންގެ ރޮނގު ކުރިއަށް ޖައްސާލި ހަތަރުވަނަ ނުވަތަ ފަސްވަނަ ފަހަރު،” އޭނާ ރޮއިޓާސްއަށް ކިޔައިދީފައިވެއެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ފަހަރަކުވެސް 120 އާއި 150 މީޓަރާ ދެމެދުގެ ސަރަހައްދެއް ފަލަސްތީނުގެ ބިމުން އިސްރާއީލުން އަތުލައެވެ.
އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު މަހު ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދި އޮތީ ފުރަތަމަ މަރުހަލާގައެވެ. މި މަރުހަލާގައި ބޮޑެތި ހަމަލާތައް ހުއްޓާލައި، އަސީރުން ބަދަލުކުރެވުނު ނަމަވެސް، ދެން އޮތް މަރުހަލާތަކާ މެދު ދެފަރާތުގެ ދެމެދުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުންދަނީ ޣައްޒާގެ ބިމުގެ ތިންބައިކުޅަ އެއްބައި ސަރަހައްދުގައެވެ.



