ހިފާފައިވާ ފަލަސްތީނުގެ ގަލްގިލްޔާގެ އިރުމަތީގައި އޮންނަ އައްޒޫން އަވަށަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވަދެގަނެ، އެ ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ ގެއެއް ހިފަހައްޓައި، އެ ގެ އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފިއެވެ.
ލޯކަލް މަސްދަރުތަކާ ހަވާލާދީ ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ “ވާފާ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު އިސްރާއީލް ސިފައިން ވަނީ އައްޒޫންގެ އިރުމަތީ ސަރަހައްދަށް އަރައިގަނެފައެވެ. މި އޮޕަރޭޝަނުގައި އެމީހުން ވަނީ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ މަރުވާން އަލް-ގާތިޝްގެ ގެ ހިސާރުކޮށް، އެތަން ވަގުތީ އަސްކަރީ ޕޯސްޓަކަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، އިސްރާއީލް ސިފައިން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ހުއްޓުވައި، ސުވާލުކޮށް، އެމީހުންގެ ހަރަކާތްތަކަށް ހުރަސްއަޅާފައެވެ. މިއީ އެ ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެ، ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެކެވެ.



