ޗައިނާގެ މެދުތެރޭ ހޫބޭ ޕްރޮވިންސްގައި ހުރި ފަޓާސް ވިއްކާ ފިހާރައެއްގައި ބުދަ ދުވަހުގެ މެންދުރުފަހު ހިނގި ބާރުގަދަ ގޮވުމެއްގައި މަދުވެގެން 12 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިއީ ޗައިނާގެ އައު އަހަރު ނުވަތަ ލޫނާ ނިއު އިޔާ ފާހަގަކުރަމުންދާ ދަނޑިވަޅުގައި ފަޓާހާ ގުޅުންހުރި ހާދިސާއެއްގައި ގިނަ ބަޔަކު މަރުވި ދެވަނަ ހާދިސާއެވެ.
ޒިއަންގްޔަންގް ސިޓީގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިންނާއި ހަތް ބޮޑެތި މީހުން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ފިހާރައިގެ ވެރިމީހާގެ އިތުރުން، އައު އަހަރުގެ އުފާފާޅުކުރުމަށް ފަޓާސް ގަންނަން ގޮސް ތިބި ކަސްޓަމަރުން ހިމެނެއެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ޗުއްޓީއަށް އާއިލާގެ މީހުންނަށް ޒިޔާރަތްކުރުމަށް އެކި ސަރަހައްދުތަކުން އެ ރަށަށް ގޮސް ތިބި މީހުންނެވެ.
ޝިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޮވުމަށްފަހު ރޯވި އަލިފާންގަނޑު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމަޖެންސީ ޓީމުތަކުން ވަނީ ނިއްވާލާފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ޖިއަންގްސޫ ޕްރޮވިންސްގެ ފަޓާސް ފިހާރައެއްގައި ހިނގި ގޮވުމެއްގައި އަށް މީހުން މަރުވެ ދެ މީހަކަށް އަނިޔާވެފައިވެއެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ފިހާރަ ކައިރީގައި މީހަކު ފަޓާސް ރޯކުރުމުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ޗައިނާގެ ސަގާފަތުގައި ފަޓާސް ޖެހުމަކީ ތަނަވަސްކަން ގެނުވައި ނުބައި ކަންކަމުން ސަލާމަތްވުމަށް ކުރާ ކަމެއް ނަމަވެސް، މީގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދަނީ ތަކުރާރުވަމުންނެވެ.
މި ހާދިސާތަކާ ގުޅިގެން ޗައިނާގެ މިނިސްޓްރީ އޮފް އެމަޖެންސީ މެނޭޖްމަންޓުން ވަނީ ސަލާމަތީ އިންޒާރުތައް އައުކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އައު އަހަރުގެ އުފާފާޅުކުރުންތަކުގައި އެންމެ ބޮޑު ނުރައްކަލެއް އޮތީ ފަޓާހުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފަޓާސް އުފައްދާ އަދި ވިއްކާ ތަންތަން ބެލެހެއްޓުން ހަރުދަނާކުރުމަށް ސަރަހައްދީ ސަރުކާރުތަކަށް ވަނީ އަންގާފައެވެ.



