އީރާނުން ފޮނުވާލާފައިވާ މިސައިލާއި ޑްރޯން ހަމަލާތަކަކަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެއާ ޑިފެންސް ސިސްޓަމްތަކުން މިހާރު ރައްދުދެމުންދާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ ބައެއް ސަރަހައްދުތަކަށް އިވެމުންދާ އަޑުތަކަކީ އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވުމުގެ ސަބަބުން އިވޭ އަޑުތަކެއް ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ މާލީ ގެއްލުމެއް ލިބުނުކަމުގެ ތަފްސީލެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވެސް ވަނީ އެކްސް މެދުވެރިކޮށް މިފަދަ ބަޔާނެއް ނެރެފައެވެ. އެ އޮތޯރިޓީން ވެސް ވަނީ އެއާ ޑިފެންސް ސިސްޓަމްތަކުން ހަމަލާތައް ހުއްޓުވަމުންދާކަން ކަށަވަރުކޮށްދީފައެވެ.
މި ހަމަލާތަކާ ގުޅޭ އިތުރު ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޔޫއޭއީގެ ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ.



