އިންޑޮނޭޝިއާގެ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް މިއަދު ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު އުވާލާފައެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 35 ކިލޯމީޓަރު (22 މޭލު) އަޑިއަށެވެ. ބިންހެލުމުގެ މަރުކަޒު ހުރީ އިންޑޮނޭޝިއާގެ އުތުރު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައެވެ.
މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އުތުރު ސުލަވެސީ ޕްރޮވިންސްގެ މަނާޑޯ ސިޓީގައި އިމާރާތެއް ވެއްޓުމުގެ ސަބަބުން އެކަކު މަރުވެފައިވާކަން ސާޗް އެންޑް ރެސްކިއު އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
“ބިންހެލުމުގެ ބާރުގަދަކަން މަނާޑޯ ސަރަހައްދަށް ވަރަށް ބޮޑަށް އިހުސާސްވި. އެކަކު މަރުވެފައިވާއިރު، އިތުރު މީހެއްގެ ފައި ވަނީ ޒަހަމްވެފައި،” އޮފިޝަލް ޖޯޖް ލިއޯ މާސީ ރަންޑަންގް އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.
ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވާރނިންގ ސެންޓަރުން ފުރަތަމަ އިންޒާރު ދިނީ އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ބިންހެލުން އައިތާ ދެ ގަޑިއިރު ފަހުން އެ ސެންޓަރުން ވަނީ ސުނާމީގެ ނުރައްކާ މިހާރު ފާއިތުވެފައިވާ ކަމަށް ބުނެ އިންޒާރު އުވާލާފައެވެ.
އިންޑޮނޭޝިއާގެ ބީއެމްކޭޖީ ޖިއޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ބިންހެލުމަށްފަހު އުތުރު މިނަހާސާ ސަރަހައްދަށް 75 ސެންޓިމީޓަރުގެ އުސްމިނުގެ ރާޅުތަކެއް އަރާފައިވެއެވެ. އަދި ބިޓުންގް ސަރަހައްދަށް 20 ސެންޓިމީޓަރުގެ ރާޅު އަރާފައިވާއިރު، އުތުރު މަލުކޫ ޕްރޮވިންސަށް 30 ސެންޓިމީޓަރުގެ ރާޅު އަރާފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.
އިންޑޮނޭޝިއާއަކީ ދުނިޔޭގެ “ޕެސިފިކް ރިންގް އޮފް ފަޔަރ” ގައި އޮންނަ ގައުމަކަށް ވުމުން، އެ ގައުމަކީ އާންމުކޮށް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިވާ ސަރަހައްދެކެވެ.



