އީރާނުން ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލިކަން އިޢުލާން ކުރުމާ ގުޅިގެން، ބައެއް އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރުކުރުމަށް މަސައްކަތް ފަށައިފިއެވެ. ނަމަވެސް، ދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުން ގިނަ އުޅަނދުތަކެއް އަދިވެސް ތިބީ މަޑުޖެހިފައެވެ.
ލުބުނާނުގައި އިއުލާންކޮށްފައިވާ 10 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި، ހޮރްމުޒް ކަނޑުއޮޅި ހުރިހާ ވިޔަފާރި އުޅަނދުތަކަކަށް ހުޅުވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ހުކުރު ދުވަހު ވަނީ ވިދާޅުވެފައެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
ޝިޕް ޓްރެކިންގ ޑޭޓާތަކުން ދައްކާގޮތުގައި، ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު 20 ވަރަކަށް އުޅަނދު ހޮރްމުޒް ކަނޑުއޮޅިއާ ދިމާލަށް ދަތުރު ފެށިއެވެ. ނަމަވެސް، މާ ގިނައިރުތަކެއް ނުވެ ގިނަ އުޅަނދުތަކެއް ވަނީ ދަތުރު ހުއްޓާލައި ނުވަތަ އަނބުރާލާފައެވެ. މިއީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ކަނޑުއޮޅި ބަންދުކުރި ފަހުން، އެންމެ ގިނަ އަދަދެއްގެ އުޅަނދު އެއްފަހަރާ ދަތުރުކުރަން މަސައްކަތްކުރި ފަހަރެވެ.
ޝިޕިންގ ކުންފުނިތަކުން ބުނަމުންދަނީ ކަނޑުއޮޅި ހުޅުވާލުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، ކަނޑުއަޑީގައި މައިން ހުރެދާނެ ކަމުގެ ބިރާއި، އެހެނިހެން ސަލާމަތީ ނުރައްކާތަކާ ގުޅޭގޮތުން އިތުރު ތަފްސީލާއި ޔަގީންކަން ބޭނުންވާ ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
އީރާނުގެ ސީނިއާ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސްއިން ބުނީ، އެމެރިކާގެ ދިދަ ޖަހާފައިވާ އުޅަނދުތައް ހިމެނޭހެން ހުރިހާ ވިޔަފާރި އުޅަނދަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް، ހުރިހާ ދަތުރުތަކެއް ވެސް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅިގެން ވިލަރެސްކުރަން ޖެހޭނެ ކަމަށާއި، އުޅަނދުފަހަރު ދަތުރުކުރަން ޖެހޭނީ އީރާނުން ކަނޑައަޅާ ރައްކާތެރި ލޭންތަކުން ކަމަށް އޭނާ ބުނެފައިވެއެވެ.



