ޖަރުމަނުގައި ތިބި އެމެރިކާގެ ލަޝްކަރުގެ ތެރެއިން 5,000 ސިފައިން އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން ޕެންޓަގަންގެ އޮފިޝަލުން ހުކުރު ދުވަހު ހާމަކުރައްވައިފިއެވެ. މި ނިންމުމާއެކު އެ ސިފައިން އަނބުރާ އެމެރިކާއަށް ނުވަތަ އެހެން ގައުމުތަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމުގެ އިތުރުން، ބައިޑަންގެ ސަރުކާރުން ވިލާތުގައި މިސައިލް ހަރުކުރި އާޓިލަރީ ޔުނިޓެއް ގާއިމުކުރުމަށް ރާވާފައި އޮތް ރޭވުންވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މި ބަދަލުތަކާއެކު ވިލާތުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު، 2022 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ދަށްވާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް އޮތް 6 މަހާއި 12 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
“މި ނިންމުމަކީ ވިލާތުގައި ތިބި ސިފައިންގެ ހާލަތު މުރާޖައާކުރުމަށްފަހު، އެ ސަރަހައްދުގެ ބޭނުންތަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް،” ޕާނެލް ވިދާޅުވިއެވެ.
މި ނިންމުން އައިސްފައިވަނީ އީރާން ހަނގުރާމައާ ގުޅޭގޮތުން ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރައީސް ޓްރަމްޕް ނުރުހުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޗާންސެލަރު މާޒް ވިދާޅުވެފައިވަނީ އީރާނުން އެމެރިކާ “ލަދުގަންނުވާލާފައި” ވާކަމަށާއި، އެމެރިކާގެ އެއްވެސް އިސްތިރާޖީ ރޭވުމެއް ނެތް ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ޖަރުމަނުގެ ޗާންސެލަރު އެހެން ގައުމުތަކުގެ ކަންކަމާ ބެހުމުގެ ބަދަލުގައި، ޖަރުމަނުގެ ހަކަތައާއި އިމިގްރޭޝަން މައްސަލަތައް ހައްލުކުރުމަށް ވަގުތު ހުސްކުރަންޖެހޭ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޕެންޓަގަންގެ އިސް އޮފިޝަލަކު ވިދާޅުވީ، އީރާން ހަނގުރާމައިގައި ޖަރުމަނުން އެހީތެރިކަން ނުދޭތީ އެމެރިކާއިން މާޔޫސްވެފައިވާ ކަމަށެވެ. މި ނިންމުމަކީ ޖަރުމަނަށް ދެވޭ އަދަބެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.



