1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް މަދީނާއަށް ޒިޔާރަތްކުރާ ޙައްޖާޖީންނަށް ޚިދުމަތް ދިނުމަށްޓަކައި، ސައުދީ އަރަބިއްޔާގެ ސިއްޙީ އިދާރާތަކުން 700 އަށްވުރެ ގިނަ ސިއްޙީ މުވައްޒަފުން މަދީނާގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ޓީމުގައި ހިމެނެނީ ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނުގައި ސިއްޙީ ފަރުވާ ދިނުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ކުއްލި ފަރުވާ ދޭ މީހުންނެވެ. މި ސިއްޙީ މާހިރުން މަސައްކަތް ކުރާނީ ޝިފްޓްތަކަކަށް ބަހާލައިގެންނެވެ. މީގެ ބޭނުމަކީ ޙައްޖު މޫސުމުގެ މުޅި މުއްދަތުގައި މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ކުއްލި ސިއްޙީ ފަރުވާގެ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ މަސްޖިދުއް ނަބަވީއަށާއި، ޙައްޖާޖީން ދަތުރުކުރާ މައިގަނޑު މަގުތަކަށެވެ. މިގޮތުން 90 އެމްބިއުލާންސް ޔުނިޓެއް މީހުން ގިނަވާ ސަރަޙައްދުތަކުގައި ސްޓްރެޓީޖިކް ގޮތެއްގައި ބައިތިއްބާނެއެވެ.
މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. ޙައްޖާޖީން އެއްވާ މައިގަނޑު ތަންތަނުގައި ސިއްޙީ މަރުކަޒުތައް ގާއިމުކޮށް، ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ސިއްޙީ ޚިދުމަތްތެރިން މަސައްކަތް ފަށާނީ 1447 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގައެވެ. އަދި މި މަސައްކަތް 1448 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މި މުއްދަތުގެ ތެރޭގައި ޙައްޖާޖީން އަންނަ ދުވަސްވަރާއި، ޙައްޖުގެ މައިގަނޑު އަޅުކަމުގެ ދުވަސްތަކުގެ އިތުރުން، ޙައްޖަށްފަހު އެނބުރިދާ ދުވަސްވަރުވެސް ހިމެނެއެވެ. މި އިންތިޒާމުގެ ސަބަބުން މަދީނާއަށް ޒިޔާރަތްކުރާ ހުރިހާ ޙައްޖާޖީންނަށް މުޅި ދަތުރުގައި ސިއްޙީ އެހީތެރިކަން ކަށަވަރުވެގެންދާނެއެވެ.



