އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ ކްރޫޒް ޝިޕެއްގެ ފަސިންޖަރުންނާއި ފަޅުވެރިންގެ މެދުގައި ނުރައްކާތެރި ހަންޓާވައިރަސް ފެތުރެމުންދާތީ، އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެކަމަށް އިޖާބަދީ ފިޔަވަޅު އަޅަން ފަށައިފިއެވެ. މިއީ ހަންޓާވައިރަސްގެ މަދުން ނޫނީ ނުފެންނަ ބާވަތެކެވެ.
ސީޑީސީން ހާމަކުރި ގޮތުގައި މި ބަލިމަޑުކަން ރިޕޯޓްކޮށްފައިވަނީ 2026 މެއި 2 ގައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއީ އިންސާނުންގެ ގަޔަށް ގަޔަށް އެރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ހަންޓާވައިރަސް ކަމަށްވާ އެންޑީސް ވައިރަސްއެވެ.
މި ވައިރަހުގެ ސަބަބުން ފުއްޕާމެޔަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ހަންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް (އެޗްޕީއެސް) މެދުވެރިވެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިހާތަނަށް އެމެރިކާގެ އެތެރެއިން މި ބަލީގެ ކޭސްއެއް ފެނިފައެއް ނުވެއެވެ. އަދި އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް އޮތް ނުރައްކާ “ނުހަނު ކުޑަ” ކަމަށް ސީޑީސީން ބުނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މޮނިޓަރ ކުރުން
ސީޑީސީން މިހާރު ދަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، އެ މަނަވަރުގައި ތިބި އެމެރިކާގެ ރައްޔިތުން ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ބަލިމަޑުކަން ދެނެގަނެވުމުގެ ކުރިން ބައެއް ފަސިންޖަރުން ވަނީ އެމެރިކާއަށް އެނބުރި ގޮސްފައެވެ. އެހެންކަމުން، އެމީހުން މޮނިޓަރ ކުރުމުގެ އިރުޝާދު ސީޑީސީން ވަނީ ސްޓޭޓްތަކުގެ ސިއްހީ އިދާރާތަކަށް ދީފައެވެ.
އާންމުކޮށް ހަންޓާވައިރަސް ފެތުރެނީ ބަލިޖެހިފައިވާ މީދާ ފަދަ ތަކެތީގެ ކުޑަކަމުދާ އެއްޗިއްސާއި ނަޖިހުގެ ޒަރީއާއިންނެވެ. ނަމަވެސް އެންޑީސް ވައިރަސް ތަފާތުވަނީ ގާތް ކޮންޓެކްޓްގެ ސަބަބުން އިންސާނުންގެ މެދުގައި ފެތުރޭތީއެވެ.
“މި ވައިރަސް ފެތުރެނީ ސީދާ ޖިސްމާނީ ގުޅުމުގެ ސަބަބުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކުޅާއި ނޭވާލާ ނިޒާމުގެ ތެރެއިން ބޭރުވާ ތަކެތީގެ ޒަރީއާއިންނެވެ،“ ސީޑީސީން ބަޔާންކޮށްފައިވެއެވެ.
ބަލީގެ އަލާމާތްތަކާއި ފަރުވާ
ބަލީގެ އަލާމާތްތައް ފެންނަން 4 ދުވަހާއި 42 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ވަރުބަލިވުން އަދި މަސްގަނޑުގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ނޭވާލާން އުނދަގޫވެ، ފުރާނައަށް ނުރައްކާވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ބަލީގައި ނޭވާލާ ނިޒާމަށް މައްސަލަ ދިމާވާ މީހުންގެ ތެރެއިން 38 އިންސައްތަ މީހުން މަރުވެއެވެ.
މި ބައްޔަށް ވަކި ހާއްސަ އެންޓިވައިރަލް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. ފަރުވާ ދެވެނީ ބަލީގެ އަލާމާތްތަކަށް ބަލައިގެންނެވެ. ސީޑީސީން ބުނީ މި ހާދިސާއާ ގުޅިގެން އާންމު ދަތުރުފަތުރަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށާއި، އާންމު ރައްޔިތުންނަށް އޮތް ނުރައްކާ އިތުރުވެފައިވާ ކަމުގެ ނިޝާނެއް ނެތް ކަމަށެވެ.



