ޗައިނާގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ޝަންޒީގައި ހުންނަ ކޯލް މައިނެއްގައި ހިނގި ނުރައްކާތެރި ގޭސް ގޮވުމުގެ ހާދިސާއެއްގައި މަދުވެގެން 82 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ، ޝިންހުއާއިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޝަންޒީ ޕްރޮވިންސްގެ ޓޮންގްޒޫ ގްރޫޕްގެ ދަށުން ހިންގާ ލިއުޝެންޔޫ ކޯލް މައިން ގައެވެ. މި ހާދިސާގައި މިހާތަނަށް 82 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.
މި ގޮވުން ގޮވާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު ރާއްޖެގަޑިން 16:29 (ލޯކަލް ގަޑިން 19:29) ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު އެ މައިންގައި ޖުމްލަ 247 މަސައްކަތްތެރިން ޑިއުޓީގައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މައިންގެ ތެރޭގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.



