ހުޅަނގު އައްސޭރީގެ ތޫބާސް ޕްރޮވިންސްގެ ތައްމޫން އަވަށުން 16 އަހަރުގެ ފަލަސްތީނު އަންހެން ކުއްޖަކު އިސްރާއީލްގެ އިސްތިއުމާރީ ސިފައިން މިއަދު ފަތިހު ހައްޔަރުކޮށްފިއެވެ.
ތޫބާސްގައި ހުންނަ ފަލަސްތީނިއަން ޕްރިޒަނަރސް ސޮސައިޓީގެ ޑައިރެކްޓަރު ކަމާލް ބަނީ އޫދާ ވިދާޅުވި ގޮތުގައި، އިސްރާއީލް ސިފައިން ހައްޔަރުކޮށްފައިވަނީ އުމުރުން 16 އަހަރުގެ ޢުލާ ޢަބްދުއްނާޞިރު ގުތައިޝާތު އެވެ. އޭނާ ހައްޔަރުކުރީ އެ އާއިލާ ދިރިއުޅޭ ގެޔަށް ސިފައިން ވަދެގަނެ އެގެ ބަލައި ފާސްކުރުމަށްފަހުގައެވެ.
ރިޕޯޓްތައް ބުނާގޮތުން އިސްރާއީލް ސިފައިން ތައްމޫން އަވަށަށް އަރާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އަދި އެ އަވަށުގެ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ބައެއް އެހެން ގެތަކަށްވެސް ސިފައިން ވަދެގަނެ ބަލައި ފާސްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.



